07 Aug 2015, 18:51
އެއްބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ބޭރުގެ ފަރާތަކަށް ރާއްޖޭގެ ބިން މިލްކް ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ބަޔަކު އަޑުއުފުލައިފި އެވެ.
ބޮޑުތަކުރުފާނު މަގު ޗީބޯ ކުރިމަތީގައި ތިބެ އެކަމާ ދެކޮޅަށް އަޑުއުފުލުމުގައި ޒުވާނުންގެ ބަޔަކާއި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދާއި ވެރިކަންކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ވެސް ބައިވެރިވެވަޑައިގަތެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން މިއަދުގެ އެއްވުމުގައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް
އެއްވުމުގެ ބައިވެރިން ވަނީ ތަފާތު އެކި ބެނާތަތައް ހިފައިގެން އެ އިސްލާހާ ދެކޮޅަށް އަޑުއުފުލާފައެވެ. އެގޮތުން އެފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ގެންނަންޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އެއްވުމުގެ ބައިވެރިން ބުންޏެވެ.
ބޭރުގެ ފަރާތްތަކަށް ބިންތައް މިލްކުކޮށްދިނުމުގެ ކުރިން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޏ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ވެސް މިއަދު ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ދަށުން އެއްބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ބޭރުގެ ފަރާތަކަށް ބިން ދޫކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު އެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް އަޑުއުފުލަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
ރައީސް ވިދާޅުވެފައި ވަނީ ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދޭ ބިމުގައި ކުރެވޭނީ ސަރުކާރުން ހުއްދަދޭ މަސައްކަތްތައް އެކަނި ކަމަށާއި ބޮޑެތި އިންވެސްޓްމަންޓުތަކުން ރާއްޖޭގެ ތަރައްގީގެ ދުވެލި އަވަސްވެގެންދާނެ ކަމަށެވެ.