07 Aug 2015, 19:01
ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކަންކަމުގެ އިތުރުން ކުރީ ޒަމާނުގެ ފޮޓޯތައް ދައްކުވައިދޭ 3000 ފޮޓޯ ހިމެނޭ ފޮޓޯ މައުރަޒެއް މިއަދު ހުޅުވައިފިއެވެ.
ނޭޝަނަލް އާޓްގެލެރީގައި މިއަދު 5:00 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެވެ.
ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ އެތަނުގައި ފޮޓޯތައް ބައްލަވާލައްވައިފަ އެވެ.
އާޓްގެލަރީގައި ހުޅުވި އެ ފޮޓޯ މައުރަޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ހިންގާ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ކެންގަރޫ ކިޑްސް ސްކޫލްގެ ފަރާތުން ހުޅުވި މައުރަޒެކެވެ.
އެ މައުރަޒުގައި ރާއްޖޭގެ ކުރީގެ މިސްކިތްތަކާއި ޒިޔާރަތްތަކާއި ހުޅުލޭގެ އިހުގެ ފޮޓޯތަކާއި، މާލޭގެ ކުރީގެ ބައެއް ފޮޓޯތަކާއި، ފަތުރުވެރިކަމުގެ ފޮޓޯތަކާއި، ނޫސްމަޖައްލާގެ ބައެއް ލިޔުންތަކާއި، ކަނޑުދަތުރުތަކަށް ބޭނުންކުރާ އުޅަނދުފަހަރާއި، ކުޅިވަރު ހިމެނެ އެވެ.
އޭގެ އިތުރުން ސަރުކާރާ ދެކޮޅަށް ކުރި ބައެއް ބަޣާވާތްތަކާއި އެކަމާ ގުޅިގެން ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއި ބޭރުގެ އިއްޒަތްތެރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ފޮޓޯތައް ވެސް އެ މައުރަޒުގައި ވަނީ ބަހައްޓާފައެވެ.
ފޮޓޯ މައުރަޒު ހުޅުވިފައި ހުންނާނީ މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 9:00 އަށެވެ. އަދި މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް މައުރަޒު ހުޅުވިފައި ހުންނާނެ އެވެ.