07 Aug 2015, 15:53
ކަނޑުގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މަތިންދާބޯޓެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ލައްގާފައިވަނިކޮށް ފެނިފައިވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ކ. ބަނިއަން ޓްރީ ރިސޯޓަށް ފޮސްފި އެވެ.
ބަނިއަން ޓްރީ ރިސޯޓުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމެއް މިހާރު މިއަދު 3:15 އެހާކަންހާއިރުން ފެށިގެން އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ފުލުހުންގެ ތަހުގީގު ޓީމުން މިހާރު ދަނީ ރިސޯޓުގެ މެނޭޖްމެންޓާ ބައްދަލުކޮށް، ލައްގާފައިވަނިކޮށް ފެނުނު ތަކެއްޗާ ބެހޭ މައުލޫމާތު އޮޅުންފިލުވަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ރިސޯޓަށް ލެއްގި މަތިންދާ ބޯޓުގެ ފިޔަގަނޑެއް ކަމަށް ބެލެވޭ ބައިތަކުގެ ތެރެއިން ފަސް އިންޗި ނޫނީ ހަތް އިންޗި ވަރުގެ ބައެއް އަދިވެސް އެރަށުގައި އެބައޮތް ކަމަށާއި އެބައި ފުލުހުންނާ ހަވާލުކުރުމަށް ރިސޯޓުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.
"ތިލަފުއްޓަށް ބައެއް ތަކެތި ގެންދިޔަނަމަވެސް އަދި ރިސޯޓުގަ އެބައޮތް ގާތްގަނޑަށް 5 ނުނީ 7 އިންޗިވަރުގެ އެތިކޮޅެއް. އެއީ ކުޑައެތިކޮޅެއްވީމަ ބޭއްވިފަ އޮތް އެތިކޮޅެއް. އެބައި ފުލުހުންނާ ހަވާލުކުރުމަށް ރިސޯޓުގެ މެނޭޖްމަންޓުން ވަނީ ނިންމާފައި،" އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވީ އެ ރިސޯޓަށް ލެއްގި ބައިތަކުގެ ފޮޓޯތަކެއް މީހަކު ފޭސްބްކުގައި ޝެއާކުރުމުންނެވެ.
ފޭސްބްކުގައި އެ ފޮޓޯތައް ޝެއާކުރި މީހާ ބުނީ އެއީ މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.
ރިސޯޓުގެ އޮފިޝަލް ވިދާޅުވީ ތިލަފުއްޓަށް ގެންދިޔަ ތަކެތި ނައްތާލިކަން ވެސް އަދި ނައްތާނުލާކަން ވެސް ދަންނަަވަން ނޭނގޭ ކަމަށާއި އެތަކެތި ނައްތާލަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
"ނައްތާލީ ކަމެއް ވެސް އަދި ނައްތާ ނުލާ ކަމެއް ވެސް ދަންނަވާކަށް ނޭނގެ. އޭތި ނައްތާލަން އުނދަގޫވާނެ. އޭތި ނައްތާލެވޭނީ އިންސިލިނޭޓަރަކަށް ލައިގެން. ހަމަހުރެލާފަ އަލިފާންގަނޑެއްގެ ތެރެއަށް އެއްލާލުމަކުންނެއް އެއެއް ނައްތައެއް ނުލެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ރީޔޫނިއަނުން ވަނީ މަތިންދާ ބޯޓެއްގެ ބައިތަކެއް ފެނިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެފައި ވަނީ އެތަނުން ފެނުނު މަތިންދާ ބޯޓުގެ ބައިތަކަކީ ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ފްރާންސުން އެތަކެތި ތަހުލީލު ކުރި ފަރާތްތަކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.
އެންމެ ފަހުން އެމްއެޗް 370 ފްލައިޓްގެ ޚަބަރެއް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ނާއްޓަލި ފަހުންނެވެ. ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ބޯޓުގެ ސިގުނަލް ގެއްލި، މިއަދާއި ހަމަޔަށް ވެސް އެ ބޯޓުވީތަނެއް ނޭނގެ އެވެ.
އެ ދުވަހު އެ ބޯޓު ބޭޖިންއަށް ދާން ނައްޓާލި އިރު އެ ބޯޓުގައި ޗައިނާގެ 152 ރައްޔިތުން ތިއްބެވެ. އަދި ބޯޓުގެ ކްރޫންނާއި ފަސިންޖަރުންނާ އެކު ޖުމްލަ 239 މީހުން އެ ބޯޓުގައި ދަތުރު ކުރި އެވެ.