މީގެ 20 ވަރަކަށް އަހަރު ކުރިއެވެ. 80 އިގެ އަހަރުތަކުގެ ފަހުކޮޅެވެ. މަސްހޫރު ފިޝަރީސް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ގެ ވާހަކަތަކެވެ. މި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި ކަމަށް ބުނާ އެންމެ ބޮޑު ހިޔާނާތެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމަވާފައިވަނީ އެ މައްސަލައިގައި ގާތްގަނޑަކަށް 380 މިލިޔަން ޑޮލަރުގެ ހިޔާނާތް ހިމެނޭ ކަމަށެވެ. އެ ހިޔާނާތުގެ މުގުލުގައި ތިބި ކަމަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ދެ ފަރާތަކީ އޭރުގެ ޑިފެންސް މިނިސްޓްރީގެ ނައިބު އަދި ރައީސް މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހީމާއި، އެއިރު އެޕްޕީއައިޑީގެ މެނޭޖިން ޑިރެކްޓަރ މާކުން އަބްދުއްސައްތާރު (ސެޓޯ) އެވެ. އޭނާއަކީ އެމްޑީޕީގެ މިހާރުގެ ޗެއާރޕާސަން މާރިޔާ އަހްމަދު ދީދީގެ އެއިރުގެ ފިރިކަލުން ވެސް މެއެވެ.

އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ސެޓޯ ދޫނިދޫ ޖަލުގައި "ބެހެއްޓި"އެވެ. ޖަލުގައި ހުރި ދުވަސްވަރު ސެޓޯ އާއި އިލްޔާސް އިބްރާހީމާ ދެ ބޭފުޅުންގެ މެދުގައި ބަދަލުކުރެވުނު ފޯނު ކޯލްތަކެއް ކޮންމެވެސް ބޭފުޅަކު އަޑު އެއްސެވިއެވެ. އެފޯން ކޯލްތައް ރިކޯޑް ކުރެއްވިއެވެ. އެ ކޯލްތަކުގައި ދެކެވުނު ވާހަކަތައް ލީކުވެ "ބޮޑުން" ބޭޒާރުވިއެވެ. މައްސަލަ އިތުރަށް ވައިގައި ހިފުމުން، ފޯނުކޯލުތައް ރިކޯޑުކުރެއްވި ވިންޓަރ ޝަރީފު ހައްޔަރުކުރެވި ޖަލަށް ލެވުނެވެ. އޭގެ ފަހުން އެ ބޭފުޅާގެ މައްޗަށް ހުކުމް ވެސް ކުރެވުނެވެ. ޝަރީފު ވިދާޅުވިގޮތުގައި އެ ބޭފުޅާގެ މައްޗަށް ކުރެވުނު ހުކުމަކީ އިލްޔާސް އިބްރާހީމާއި މާކުން އަބްދުއްސައްތާރު ކުރެއްވި ކުށަކާ ބެހޭ ވާހަކަތައް އަޑުއައްސަވައި، އެ ވާހަކަތައް ސިއްރުކުރެއްވުމުން އޭގެ ސަބަބުން ކުށްވެރިވުމުން ކުރެވުނު ހުކުމެވެ. ނަމަވެސް ޝަރީފުގެ ސުވާލަކީ، އިލްޔާސް އިބްރާހީމާއި ސެޓޯއާ ގުޅިގެން ހިންގިކަމަށް ބުނާ ހިޔާނާތާ ބެހޭ ގޮތުން އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތައް އޭނާ ރިކޯޑުކުރެއްވި ފޯނުކޯލްތަކުގެ ސަބަބުން ސިއްރު ކުރެވުނީ ހެއްޔޭ ނުވަތަ އާންމުކުރެވުނީ ހެއްޔޭ މި ސުވާލެވެ.

އެފްޕީޑީއައި މައްސަލައާ ގުޅިގެން ހުކުމް ކުރެވުނީ ހަމައެކަނި ވިންޓަރ ޝަރީފުގެ މައްޗަށް އެކަންޏެއް ނޫނެވެ. އޭނާ ރެކޯޑުކުރެއްވި ކޯލްތައް ހިމެނުނު ޓޭޕް އަޑުއަހައި އެ ޓޭޕު ގެންގުޅުނު ކަމަށް ކޯޓަށް ސާބިތުކޮށްދެވުނު 19 ވަރަކަށް މީހުން ވެސް ކުށްވެރިވާކަމަށް ހުކުމްކުރެވުނެވެ. އެކަމަކު 380 މިލިޔަން ޑޮލަރުގެ ހިޔާނާތް ވެފައިވާކަމަށް ތުހުމަތުކުރެވުނު، އަދި އެއްކަލަ ފޯނުކޯލްތަކުގައި ވާހަކަދެއްކެވި އިލްޔާސް އިބްރާހީމާއީ މާކުން ސެޓޯ ކޯޓުގެ ނިޔާގެ "މަރުތޭލުން" ސަލާމަތްވެވަޑައިގަތީއެވެ. މިއީ އޭރު ކަން ހިނގި ގޮތެވެ.

2010 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި، އޭރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދިލް ސަލީމު އެ ބޭފުޅާގެ މާބްލް ގެސްޓް ހައުސްގެ އެޕާޓްމަންޓެއްގައި، މަސްތުވެ ހުންނަވައިގެން ދެ އަންހެންކުދިންނާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވި، އެ ކުދިން ސަލާމަތަށް އެދި ހަޅޭއްލަވައި ހެދުމުން އެ ސަރަހައްދަށް މީހުން އެއްވެ، ފުލުހުން އެ އެޕާޓްމަންޓް ޗެކުކުރި ކަމަށް މީޑިއާގައި ޚަބަރުފެތުރުނެވެ. ނަމަވެސް ފުލުހުން އެ މީހުން ބަލަން ޖެހޭ ބެލުންތަކެއް ބެލުމަށް ފަހު ބުނީ "ދޫދޫމަތީން" ތުހުމަތު ކުރެވުނު ފަދަ ހުތުރު އަމަލެއް އާދިލް ނުހިންގަވާ ކަމަށެވެ. އަދި އެ ދެ އަންހެން ކުދިންނަކީ އާދިލްގެ ވަރަށް ގާތް ކުދިން ކަމަށް ފުލުހުންނާ ހަވާލާދީ ހަބަރުތައް ފެތުރުނެވެ.

އެ ހާދިސާގެ ދުވަސްކޮޅެއް ފަހުން ލީކުވީ އެ ކަން ހިނގި ވަގުތު މާބްލް ގެސްޓް ހައުސަށް ދިޔަ ފުލުހުން އެ ތަނުން އެ މީހުންނަށް ފެނުނު އަދި ފާހަގަ ކުރެވުނު ކަންކަމާ ބެހޭ ގޮތުން ތައްޔާރުކުރި އަސްލު ބަޔާން ކަމަށް ބުނާ ބަޔާނެކެވެ. އެ ބަޔާނުގައި އާދިލާއި އޭނާގެ "ރައްޓެހި ކުދީން" ތިބި ތަނުން ފުލުހުންނަށް ބަނގުރާ ހުސްކުރި ފުޅިތައް ފެނުނު ކަމަށް ބުނެފައި އޮތުމުގެ އިތުރަށް، އަންހެން ކުދިން ތިބި "ހާލަތު" ބަޔާންކޮށްދީފައި ވެއެވެ. އަދި އެ ތަނަށް ދިޔަ ފުލުހުން އާދިލާ މެދު އާންމު އުސޫލާ އެއްގޮތަށް ކަންތައް ނުކުރީ އެ މީހުންނަށް މަތީ ރޭންކަކުން ކުރެވުނު އޯޑަރެއްގެ ސަބަބުން ކަން ވެސް އެ ބަޔާނުން އެނގެން އޮތެވެ.

މި ހާދިސާއާ ގުޅިގެން ވެސް ބޮޑު މައްސަލައަކަށް ވީ މާބްލް ގެސްޓް ހައުސްގެ ހާދިސާ ހިނގި ތަނަށް ގޮސް، އެ ތަނުން ފާހަގަކުރެވުނު ކަންކަމާ ބެހޭގޮތުން ފުލުހުން އެކުލަވާލި ބަޔާން ލީކުވުމެވެ. ފުލުހުންގެ އިސް އޮފިސަރުން މީޑިޔާ މެދުވެރިކޮށް ލީކުވި ލިޔުންތައް ލީކުވާން ދިމާވި ސަބަބު ހޯދުމަށް ޓަކައި ތަހްގީގުކުރާނެ ކަމަށާއި، އެ ބަޔާން ލީކުކޮށްލި ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދެމުން ގެންދިޔައެވެ. ގަބޫލު ކުރެވޭ ގޮތުގައި މައްސަލައާ ގުޅިގެން ސްޓޭޓް މިނިސްޓަރ އާދިލް (މިހާރު ޓްރާންސްޕޯޓް މިނިސްޓަރ) ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ބަޔާން ނެގުމަށްވެސް ފުލުހުންގެ އިސް ފަރާތްތައް ވަނީ ފަސްޖެހިފައެވެ.

މިހާރު ކުރިމަތިވެގެން މި އުޅޭ ސީރިޔަސް މައްސަލައަށް ބަލާލަމާ ހިންގަވާށެވެ. އިންޓަނެޓް ބޭނުންކޮށްގެން އެތައް ބައެއްގެ އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯކްލިޕް ފަދަ ތަކެތި ބަޔަކު އެ ވަނީ ގާނޫނާ ހިލާފަށް ހޯދާފައެވެ. މި މައްސަލައިގައި ފުލުހުންގެ ތަހުގީގުގެ ކަންތައްތައް ދަނީ ކިހިނެއްކަން އެނގޭ ބަޔަކު މި ގައުމަކު ނެތެވެ. މައްސަލައާ ގުޅިގެން ކުޑަ ކުދިންނާއި އަދި ބޮޑެތި މީހުންގެ އެތަކެއް ބަޔަކު ހައްޔަރު ކުރެވިފައިވާ އިރު، ވެގެން އުޅޭ ގޮތުގެ މައުލޫމާތެއް ނޫސްވެރިންނާ ހިއްސާނުކުރެވުނުތާ، މިކަމާ ގުޅިގެން ނޫސްވެރިން އަމިއްލައަށް ދިރާސާކޮށްގެން ހޯދާ ހޯދުންތަކަށް ހުރަސް އަޅަންވެސް ފުލުހުން މަސައްކަތް ކުރާ ތަން ދަނީ ފެންނަމުންނެވެ. ތަހްގީގީ ނޫސްވެރިކަމުގައި އޮބިއަޅަން ފުލުހުން އުޅޭ ތަން ދަނީ ފެންނަމުންނެވެ.

އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ މި ފަހަރުގެ މައްސަލައިގައި ނެގިފައިވާ ފޮޓޯތަކާއި ކުރެވިފައިވާ ވީޑިއޯ ކްލިޕްތަކުގައި ދައުލަތުގެ ބައެއް އިސް ވެރިންގެ ބަރަހަނާ މަންޒަރުތަކެއް ހިމެނޭ ކަމަށް ވާހަކަތައް ފެތުރިފައިވާ ކަމެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާކަމަށް ވެސް ވާހަކަތައް ފެތުރިފައިވެ އެވެ. މިހާރު އުފެދޭ ސުވާލަކީ ވެރިން ބަދުނާމު ވެފައި ވަނީ ކިހާ ހިސާބަކަށްތޯއެވެ. މި މައްސަލަ މިހާ ސީރިޔަސްވެގެން މި އުޅެނީ ފަޟީހަތް ގެން ނުވާނެ މިންވަރަކަށް ދައުލަތުގެ ބައެއް އިސްވެރިން ފަޟީހަތް ވެގެންތޯ ސުވާލު އުފެދެ އެވެ.

މިރާއްޖޭގައި މިނޫނަސް އޮރިޔާން ކާޑާއި ފިލްމު އުފައްދައިގެން މީހުން ހައްޔަރު ކޮށްފައި އެބަހުއްޓެވެ. އެގޮތުން 2009 ވަނަ އަހަރު ޖެނުއަރީ ހާ ތަނުގައި ކުޑަކުޑަ ކުދިންތަކެއްގެ އެތައް ސަތޭކަ ބަރަހަނާ ފޮޓޯއާއި ބަރަހަނާ ވީޑިއޯ ކްލިޕްތަކާއެކު އުމުރުން 38 އަހަރުގެ މީހެއް ކަމަށް ވާ ހުސެން ފަޒީލް އަތުލައިގަނެވިފައި ވެއެވެ. ފުލުހުން ހާމަކުރިގޮތުގައި ހުސެއިން ފަޒީލް 35 ކުދިންނާއެކު ތަފާތު ފެންވަރުގައި ގުޅުންހިންގާފައި ވެއެވެ. މި ވާހަކަޔާ ގުޅިގެން އާއްމު މުޖުތަމައަށް ބޮޑު ސިހުމެއް ލިބިގެން ދިޔައެވެ.

ފަޒީލްގެ މައްސަލައާ ގުޅިގެން ފުލުހުންގެ އިސްވެރިންނާއި ތަހްގީގު ކުރިޔަށް ގެންދެވި ބޭފުޅުން ދެ އިރު ދެ ދަޅަޔަށް، ފިސާރިއަކަށް އުކުނޑި ކޮއްޓާ ބައެއް ފަދައިން، މީޑިޔާ ބްރީފިންގ ތައް ދީ، މައްސަލައާ ބެހޭ މައުލޫމާތުތައް ނޫސްވެރިންނާއި އަންމުންނާ ހިއްސާކުރަމުން ގެންދިޔައެވެ. ފަޒީލްގެ މި މައްސަލައަކީ ވެސް ވަރަށް ޙައްސާސީ މައްސަލަތަކެއް ހިމެނޭ، ވަކިން ހާއްސަކޮށް ކުޑަ ކުދިންތަކެއް ޝާމިލުވާ މައްސަލައެއް ކަމުން، ފުލުހުން އެ މައްސަލަ ނޫސްވެރިންނާ ހަމައަށް ގެނެސްދެމުން ދިޔައީ ވެސް ވަރަށް ޕްރޮފެޝަނަލްކޮށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފާހަގަކުރަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ އެތައް ކުޑަކުދިންނަކާ ބަދުއަހުލާގީ އަމަލު ހިންގި ފަޒީލަކީ ސިޔާސީ ގޮތުން މުހިއްމު މީހަކަށް ނުވާ ކަމެވެ. "ބޮޑު" ނުވަތަ "މާތް" ހާންދާނަކަށް ނިސްބަތް ވާ މީހަކަށް ވެސް ނުވާ ކަމެވެ.

މީގެ ކުރީން އޮތް މައުމޫނުގެ ސަރުކާރުގައި ވެސް، އަދި މިހާރު މި އޮތް ނަޝީދުގެ ސަރުކާރުގައި ވެސް އެއް ގޮތަކަށް ހިނގާ ކަމެއް އެބައޮތެވެ. އެއީ ދެ ސަރުކާރުން ވެސް، ބޮޑެތި އަދި މުހިއްމު ބޭފުޅުން އެ ބޭފުޅުންގެ އަމިއްލަ އިހްތިޔާރުގައި ބަރަހަނާވެ އާންމުންގެ ކުރިމަތީ އަގުވެއްޓޭ އިރުވެސް ސަރުކާރުން އެ ބޭފުޅުން ދިފާއުކޮށް، އެ ބޭފުޅުން ނަގައި ކޮޅަށް ޖަހަން މަސައްކަތް ކުރާ ކުރުމެވެ.

މިހާ ސީރިޔަސް މައްސަލައެއް ފުލުހުން ބަލަމުން ދާ އިރު، ތަހުގީގުގައި ލިބޭ ކުރިއެރުންތަކާ ބެހޭ މައުލޫމާތުތައް އަދުލު އިންސާފުގެ އުސޫލުތައް ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް ނޫސްވެރިންނާ ހިއްސާކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެނީ މި ފަދަ މައްސަލަތަކަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މައްސަލަތަކެވެ. އެ ކަންތަކުގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭ ކަންތަކެވެ. މި މައްސަލައިގެ ބޮޑުކުޑަމިން އަދި އެކަކަށްވެސް ނޭނގެއެވެ. ރަސްމީ އެއްވެސް ފަރާތަކުން އެ ކަން ހާމައެއް ނުކުރެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އާންމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް އެބައޮތެވެ. އެއީ އެތައް ބަޔަކު ހައްޔަރުކޮށް ތަހްގީގުކުރަމުން ދާ އިރު ވެސް އަބަދު އެއް ވާހަކައެއް އިވޭތީއެވެ. އެ ވާހަކައަކީ ކެމެރާތަކުގެ "ފުރަގަހުގައި" ޙަރަކާތްތެރިވި ކުދިންނާއި މީހުން އެކަނި ހައްޔަރުކޮށް ސުވާލުކޮށް ތަހްގީގު ކުރިޔަށް ގެންދާ ވާހަކައެވެ. ކެމެރާތަކުގެ ކުރިމަތީގައި ތިއްބަވައިގެން ދީނާއި އަހުލާގީ ހަމަތަކާއި އިޖުތިމާއީ ހައްދުތައް ފައިދަށަށް ލައްވައި ޗިސްޗިސްކުރެއްވި "ބޭފުޅުން" ގެ ވާހަކައެއް ނުދެކެވޭތީއެވެ.

އާންމުން ކެތްމަދުވެފައި ތިބޭނީ މި ކަމުގައި އަމިއްލަ އިހްތިޔާރުގައި ކެމެރާތަކުގެ ކުރިމަތީގައި ބަރަހަނާ ވި ކަމަށް ވާހަކަ ފެތުރިފައިވާ "ސިޔާސީ ބޮޑެތި ގިތެޔޮ" ތަކާ ސުވާލުކުރާނެ ވަގުތަށެވެ. އެއީ ކޮންކޮން "އިއްޒަތްތެރި ބޭފުޅުންނެއް" ތޯ އާއި އެ ބޭފުޅުންނަށް ވާނެ ގޮތަކާ މެދުގައެވެ. މީ ހަގީގަތެއް ކަމަށް ވާ ނަމަ އެބޭފުޅުން ބަރަހަނާ ވީ ހެން އެ ބޭފުޅުންނަށް ލިބޭ ވަޒީފާގެ ކުރިއެރުންތައް ވާނީ އިތުރުތޯ ނުވަތަ އެބޭފުޅުންގެ އާރާއި ބާރާއި ފަންވަރު އިތުރަށް ވާނީ ވަރުގަދަތޯއެވެ.

ވެއަތުވެ ދިޔަ ތަނުގެ ތަޖްރިބާއަކީ އެއީއެވެ. 1990 އިގެ އަހަރުތަކުގެ ފަހުކޮޅު ވަރަށް އާދަޔާ ހިލާފް ހާދިސާއެއް ހިނގިއެވެ. އެއީ މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނު އަލްއައުޒަމް ނުވަތަ އިސްލާމީ މަރުކަޒުގެ ތިރީގައި ހިންގާ އިސްލާމިކް މިނިސްޓްރީގެ ތެރޭގައި އެ އޮފީހުގެ އިއްޒަތްތެރި އިސްވެރިޔަކާއި ހިލޭ އަންހެނަކު ހިންގި ބަދުއަހްލާގީ އަމަލެވެ. އެ ވާހަކަ މާލެތެރޭގައި ފެތުރިގެން ދިޔައެވެ. ފުލުހުން މައްސަލަ ބަލައި، ކޯޓުން އެ ދެ މީހުންގެ މައްޗަށް ހުކުމް ވެސް ކުރިއެވެ. ނަމަވެސް އެ ކަމުގައި ކުށްވެރިވެވަޑައިގެންނެވި "ބޭފުޅަކީ" އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަރަށް އިސްވެރިޔަކާ ޚާއްސަ އެކުވެރިކަމެއް އޮންނަ، ވަރުގަދަ ނުފޫޒެއްގެ އެހީތެރިކަން ލިބިވަޑައިގެންނެވި ބޭފުޅެއް ކަމަށްވެ އެވެ. އެހެންކަމުން މައްސަލައާ ގުޅިގެން އޭނާގެ ކުރީގެ ވަޒީފާއިން ވަކިކުރެވުނު ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ކުރީގެ ވަޒީފާއަށް ވުރެ ރަނގަޅު ވަޒީފާއެއް އޭނާއަށް ލިބިވަޑައިގަތެވެ. އައިޖީއެމްއެޗުންނެވެ.

މިގައުމުގައި ކަން ހިނގާ މަގަކީ މިއެވެ. ރައްޔިތުން ކަންބޮޑުވަނީ ކަން ބޮޑު ވާން ޖެހިގެންނެވެ.

މިރާއްޖޭގައި މިގޮތަށް ބަރަހަނާވާ ބޭފުޅުނަށް ކުރިއެރުންތައް ލިބެމުންދާއިރު ދުނިޔޭގެ ތަހުޒީބު ޑިމޮކްރަސީ ތަކުގައި ފެންނަނީ މިއާ މުޅިން ހިލާފު ކަންތައްތަކެވެ. އެ މުޖްތަމައު ތަކުގައި އަހްލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތައް ހިންގާ މީހުންނަކަށް އެމީހުންގެ މަންދޫބުންގެ ގޮތުގައި ނުވަތަ ޕަބްލިކް އޮފީސްތަކުގައި އެބައިމީހުން ތަމްސީލްކުރުމުގެ ފުރުސަތެއް ނުދެއެވެ.

2008 ވަނަ އަހަރު މާރޗް 10 ވަނަ ދުވަހު، އޭރުގެ ނިއުޔޯކް ގެ ގަވަރުނަރު އެލިޔޮޓް ސްޕިޓްޒަރ ހަށިވިއްކާ އަންހެންކުއްޖަކަށް ފައިސާ ދެއްވައިން ގުޅުން ހިންގަވާފައިވާ ކަމަށް ނިއުޔޯކް ޓައިމްސް ނޫހުގައި ރިޕޯޓުކުރިއެވެ. މި ރިޕޯޓުގައި އޭނާ ހަށި ވިއްކާ އަންހެންކުދީންނަށް 80000 ޑޮލަރަށްވުރެ ގިނައިން ހަރަދުކުރައްވާފައިވާ ކަމަށް ބުނެފައި ވެއެވެ. އެއްވެސް ފޮޓޯއެއް މަންޒަރެއް ސްޕިޓްޒަރ އާ ބެހޭގޮތުން އާންމެއް ނުވެއެވެ. ނަމަވެސް ނޫހުގައި ޝާއިއުކުރެވުނު ރިޕޯޓާ ގުޅިގެން ސްޕިޓްޒަރ އަކީ ކައިވެނީގެ މާތް ގުޅުމަށް އިހްތިރާމު ނުކުރައްވާ، އަހުލާގީގޮތުން ދަށު ދަރަޖައިގެ އަމަލުތަކެއް ހިންގަވާ ބޭފުޅެއް ކަމަށް ބުނެ ޓީވީތަކުންނާއި ރޭޑިއޯތަކުން ވާހަކަދައްކައި، އާންމުންގެ ރުޅިވެރިކަން އޭނާއަށް އަމާޒުވާން ފެށިއެވެ. އޭގެ ސަބަބުން ނޫސް ރިޕޯޓު ޝާއިއުކުރެވުނު ތާ އެންމެ 03 ދުވަސް ފަހުން 13 މާރޗް 2008 ވަނަ ދުވަހު ސްޕިޓްޒަރ ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވިއެވެ. އަދި ރައްޔިތުންގެ ކިބައިންނާއި އަނބިކަނބަލުންގެ އަރިއަހުން މައާފަށް އެދިވަޑައިގަތެވެ.

މި ރާއްޖޭގައި ތިމާމެންގެ ބަދުއަހުލާގީ ފާފަތަކުގެ ފޮޓޯއާއި އަޑާއި ވީޑިއޯއާ އެކު ފެތުރިގެން ދާ އިރު ވެސް އެއިން ބޭފުޅެއްގެ "ކަހާތަން ހިރުވާވެސް ނުލާ" ކަހަލަ އެވެ.

ފުލުހުންގެ ތަހުގީގާއި ޝަރުއީ މަރުހަލާގެ ކަންތައްތައް ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް، ޔަގީން ވާ އެއް ކަމެއް އެބައޮތެވެ. އެއީ ބޮޑުންގެ ތެރެއިން ބައެއް ބޭފުޅުން ބޭޒާރުވެ ފަޟީހަތް ވެއްޖެ ކަމެވެ. އެހެން ނަމަވެސް މިފަހަރު ވެސް ދިވެހިން ހިތާމަޔާ އެކު ދެކެން ވީ، ވެއަތުވެ ދިޔަ 32 އަހަރުގެ ތެރޭގައި އާއްމުކޮށް ފެނުނު މަންޒަރުތޯއެވެ؟ ހައްގާއި ރަނގަޅު ގޮތުގައި ކޮޅުފައިން ޖަހައި، "ބާރުވެރީންނާއި ބޮޑުންގެ" ހިމާޔަތުގައި ފުލުހުން ރުކުރުވިގެން ތިބެ، އެ ބޭފުޅުންގެ ނުބައިކަމާއި މުޑުދާރުކަން ދިފާއުކުރައްވާ މަންޒަރުތޯއެވެ؟