މިއަދުގެ ހުކުރު ނަމާދަށް ފަހު، އައްޑޫ ސިޓީގެ ފޭދޫގައި ދިރިއުޅޭ ނޭޕާލް މީހެއް ކަމުގައިވާ "މަހޭޝް" އިސްލާމްވެއްޖެ އެވެ.

އޭނާ އަކީ އެ ރަށުގައި ހުންނަ ޓްރެވަލް އެޖެންސީއެއްގައި މަސައްކަތް ކުރާ މީހެކެވެ. ހުކުރު ނަމާދަށް ފަހު އޭނާ އަށް ޝަހާދަތް ލައިދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެވެ.

ޝަހާދަތް ލައިދެއްވުމަށް ފަހު ޑރ. އަބްދުލް މަޖީދު ވަނީ އޭނައަށް ޝަހާދަތުގެ މާނަ އިނގިރޭސި ބަހުން ކިޔައިދެއްވައިފަ އެވެ. އަދި އިސްލާމްދީނާ ބެހޭ ބައެއް މައުލޫމާތު ދެއްވައި ނަސޭހަތް ދެއްވި އެވެ.

އައްޑޫގައި ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމްގެ ފޭދޫ ގޮފިން ވަނީ އުމުރުން 28 އަހަރުގެ މަހޭޝް އިސްލާމްވުމާ ގުޅިގެން އޭނާ އަށް އިސްލާމް ދީނީ ބެހޭ ފޮތްތަކެއް ވެސް ހަދިޔާކޮށްފަ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ސަން އަށް ވިދާޅުވީ އިސްލާމްދީން ގަބޫލުކުރުމުން އޭނާ އަށް މިހާރު ދީފައިވާ ނަމަކީ "މީކާއީލް" ކަމަށެވެ.

އިސްލާމްދީނާ ގުޅުމުން އެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރި މީހުން ވަނީ މީކާއީލް އާއި ސަލާންކޮށް މަރުހަބާ ކިޔައިފަ އެވެ.