07 Aug 2015, 15:59
އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެއައި ދެ މީހަކަށް ނިއުމޯނިއާ ޖެހިގެން ފަރުވާ ދީފައިވާ އިރު، އެއިން އެއްވެސް މީހެއްގެ ގައިން "މާސް ކޮރޯނަވައިރަސް" ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ އުމްރާވެރިންގެ ތެރެއިން ނިއުމޯނިއާ ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ދެ މީހުންގެ ފުއްޕާމެއަށް ފޯރާފައިވާ ޖަރާސީމުގެ އަސަރު ރަނގަޅުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
އެމީހުންގެ ބަލިހާލު ރަނގަޅުވެ އިތުރު އަލާމާތެއް ފެންނަން ނެތުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މާސް ކޮރޯނަވައިރަސް އަސަރު ހުރިތޯބެލުމަށްޓަކައި ރާއްޖެއިން ބޭރުގެ ލެބޯޓްރީއަކަށް މި ދެމީހުންގެ ސާމްޕަލްތައް ވަނީ ފޮނުވޮފައެވެ. އަދި ކުރެވުނު ތަހުލީލުތަކުން މާސްރޯގާގެ އަސަރެއް މިދެމީހުންގެ ސާމްޕަލްތަކުގައި ނެތްކަން ޔަގީންކުރެވިފައިވާ ކަމަށް ދެންނެވީމެވެ،" އެޗްޕީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިޕޯޓްތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ދުނިޔޭގައި 1382 މީހަކަށް މާސް ކޮރޯނާ ވައިރަސް ބަލި ޖެހިފައިވެ އެވެ. ނަމަވެސް މި ދުވަސްވަރު މިބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ދަށްވެފަ އެވެ.