އެނަޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭ ބުއިންތައް އާދަޔާ ޚިލާފަށް ގިނައިން ބޯނަމަ ލޮލުގެ ފެނުން ގެއްލުމުގެ ފުރްސަތު ބައެއްމީހުންނަށް ބޮޑުކަމަށް އަޔަލެންޑްގެ ޑޮކްޓަރުން ބުނެފި އެވެ.

ރިޕަބްލިކް އޮފް އަޔަލޭންޑްގެ ބައެއް ޑޮކްޓަރުން ބުނާ ގޮތުން އެނަޖީ ޑްރިކްސް އާދަޔާ ޚިލާފަށް ގިނައިން ބޭނުންކުރުމުގެ ސަބަބުން ލޮލުގެ ފެނުމަށް މައްސަލަތައް ކުރިމަތިވި ޒުވާނުންނާއި މެދުއުމުރުގެ މީހުން އެގައުމުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުން ގެންދެ އެވެ. މީގެތެރެއިން ބައެއްމީހުންގެ ލޮލުގެފެނުން ފަރުވާއަށް ފަހު ވެސް ރަނގަނޅު ނުވާކަން ޑޮކްޓަރުން ފާހަގަކޮށްފައިވެ އެވެ.

އެނަޖީ ޑްރިކްސް އާދަޔާ ޚިލާފަށް ބުއިމުގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް ގެއްލިގެންދިޔަ އަޔަލޭންޑްގެ ޒުވާނުންގެ ތެރޭގައި އުމުރުން 26 އަހަރުގެ ލީނާ ލޮބާރީ ހިމެނެއެވެ. އެނަޖީ ޑްރިކްސް އާދަޔާ ޚިލާފަށް ބުއިމުގެ ސަބަބުން ލީނާގެ ދިރިއުޅުން ބަނަވެގެންދިޔަގޮތް އަޔަލޭންޑްގެ ނޫސްތަކުގައި ވެސް ހާމަކޮށްފައިވެ އެވެ.

ލީނާއަކީ ދެކުދިންގެ މަންމައެކެވެ. ލީނާ ދުވާލެއްގެ މައްޗަށް 20 ދަޅަށްވުރެ ގިނައިން އެކިބާވަތުގެ އެނަޖީ ޑްރިންކްސް ދަޅު ބޯކަމަށްވެ އެވެ. މިގޮތަށް ބޯންފެށުމުން އެންމެފުރަތަމަ ލީނާ އާދަޔާ ޚިލާފަށް ފަލަވެ އޭނާގެ ބަރުދަން 160 ކިލޯގްރާމް އަށްވުރެ މައްޗަށްދިޔަ އެވެ. އެއަށް ފަހު ލީނާގެ ބޮލުގައި ރިއްސުމާއެކު ލޭގެ ޕްރެޝަރު މައްޗަށްދާންފެށި އެވެ. އަދި އަވަހަށް ވަރުބަލިވާންފެށުމާ އެކު ކުރިން ކުރިމަތިނުވާ ސިއްޙީ އެތަށް މައްސަލަތަކެއް ކުރިމަތިވެގެން ދިޔަ އެވެ. ނަމަވެސް އެކަންކަމަށް އޭނާގެ މާބޮޑުއަޅާލުމެއް ނެތެވެ. ނަތީޖާއަކަށްވީ ހަތަރުވަރަކަށް އަހަރު ތެރޭގައި އޭނާގެ ލޮލުގެ އޮޕްޓިކް ނާވްތައް ދުޅަވެ އެންމެ ފަހުން ފެނުން އެއްކޮށް ގެއްލި ލޯފަންމީހަކަށް ވުމެވެ.

އެނަޖީ ޑްރިންކްސް ބުއިމުން ސިއްހަތަށް ގެއްލުންވާކަން ޑޮކްޓަރުންގެ ފަރާތުން ލީނާއަށް އެނގެމުން ދިޔަނަމަވެސް އެކަމާމެދު އަޅާނުލައި ހުރީ އެފަދަ ޑްރިންކްސްއަށް އޭނާ ދެވި ހިފާފައިވާލެއް ބޮޑުކަމުން އެކަމުން ސަލާމަތް ނުވެވިގެންނާއި ލޮލުގެ ފެނުން ގެއްލޭމިންވަރަށް އެކަމުގެ ގެއްލުން ބޮޑުވާނެކަން އޭނާއަށް ގަބޫލު ނުކުރެވުމުގެ ސަބަބުން ކަމަށްވެއެވެ. ލީނާ ބުނާގޮތުން އެއްދުވަހަކު އެނަޖީ ޑްރިންކްސް ބުއިމުން އޭނާ މަޑުމަޑުންގޮސް ހޭނެތުނީ އެވެ. ދެން ހޭލެވުނުއިރުއޮތީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފަ އެވެ. ނަމަވެސް ލޮލުގެ ފެނުންވަނީ ގެއްލިފަ އެވެ. ލޯފަންމީހެކޭ އެއްވެސް ތަފާތެއްނެތެވެ.

ހޮސްޕިޓަލުގައި ޑޮކްޓަރުން ލީނާއަށް އެތައް ދުވަހެއްވަންދެން ފަރުވާކުރުމުން ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ވަނީ އަލުން އެނބުރި އައިސްފަ އެވެ. ނަމަވެސް ވަރަށް ކުޑަމިންވަރަކަށެވެ. މިވަރުން ލީނާ އަށް ވަނީ ކިރިޔާ ބޭރަށްނުކުމެ ހިނގާލައި އުޅޭވޭވަރެވެ. ކާރުދުއްވައި އަދި ރަނގަނޅަށް މަސައްކަތްކޮށްގެން އުޅޭވޭވަރު ނުވާކަމަށް އޭނާ ބުނެއެވެ.

ޑޮކްޓަރުން މިހާރުވަނީ އެނަޖީ ޑްރިންކްސް ބުއިން އެއްކޮށް މަނާކޮށްފަ އެވެ. އެއީ އިތުރަށް ބޮއިފިނަމަ ދެން އަނބުރައި އިއާދަނުވާގޮތަށް ލޮލުގެ ފެނުން ގެއްލިގެންދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދީފައިވާތީއެވެ. އެނަޖީ ޑްރިންކްސް ބުއިން ކުއްލިއަކަށް ހުއްޓާލުމުން ލީނާއަށް ބޮޑެތި އުނދަނގޫތަކެއް ކުރިމަތިވި ނަމަވެސް އޭނާގެ ހަށިގަނޑުން 15 ކިލޯގްރާމް ލުއިވެފައިވެ އެވެ. ނަމަވެސް އަދިވެސް 40 ކިލޯގްރާމް ލުއިވާންޖެހޭކަމަށް ޑޮކްޓަރުން ލަފާދޭތީ ލީނާ މިހާރު ގެންދަނީ ފިޓްނެސް ސެންޓަރަކަށްގޮސް ބަރުދަން ލުއިކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މިއާއެކު ކުރިން ކުރިމަތިވި ސިއްޙީ އެތަށް މައްސަލަތަކަކަށް ލީނާއަށް ވަނީ ލުއިލިބިފައެވެ. ނަމަވެސް ލޮލުގެ ފެނުން އެނބުރިއައީ ވަރަށް ކުޑަމިންވަރަކަށެވެ. އަދި ދާއިމީ ގޮތަކަށް ލޭމައްޗަށްދިޔުމުގެ މައްސަލަ ކުރިމަތިވެ ލީނާވަނީ ހަކުރުބަލީގެ ޝިކާރައަކަށް ވެފައެވެ. އަދި ސިކުނޑީގެ ބައެއް މައްސަލަތައްވެސް ލީނާއަށްވަނީ ކުރިމަތިވެފައެވެ. (އާރުޓީ)