07 Aug 2015, 10:47
ކަނޑުގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މަތިންދާބޯޓެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ކ. ބަނިއަން ޓްރީ ރިސޯޓަށް ލައްގާފައިވަނިކޮށް ފެނިއްޖެ އެވެ.
ބަނިއަން ޓްރީ ރިސޯޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މުހައްމަދު ނައީމް މިއަދު ސަން އަށް ވިދާޅުވީ މަތިންދާބޯޓެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ ބައިތައް ފެނިފައި ވަނީ މީގެ ދެ މަސް ނޫނީ ތިން މަސް ކުރިން ކަމަށެވެ. އެހެންނަމަވެސް އެތަކެތި ފެނުނުކަން އެނގިވަޑައިގަތީ ސޯޝަލް މީޑިއާގައި މީހަކު އޭގެ ފޮޓޯތަކެއް ޝާއިއުކުރުމުން މީގެ ދެ ދުވަސް ކުރިން ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ރިސޯޓަށް ލައްގާ ތަކެތި އާންމު އުސޫލުން ނައްތާލަން ގެންދަނީ ކ. ތިލަފުއްޓަށް ކަމަށާއި އެގޮތުގެމަތިން އެތަކެތި ވެސް ވަނީ ފެނުނު ދުވަހު ތިލަފުއްޓަށް ގެންގޮސްފައި ކަމަށެވެ.
އެތަކެތި ތިލަފުއްޓަށް ގެންގޮސްފައި ވަނީ ރިސޯޓުގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ ރައްޔިތުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން އެކަން އެނގުނު ނަމަ އެތަކެތި ނައްތާލުމުގެ ބަދަލުގައި ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރާނެ ކަމަށެވެ.
"މީގެ ދެ މަހެއް ނުވަތަ ތިން މަހެއް ކުރިން އެތަކެތި ފެނުނީ. އަޅުގަނޑަށް އެކަން އެނގުނީ މީގެ ދެދުވަހެއް ކުރިން. އެއެއްޗެއް ފެނުނު ދުވަހަކީ އެއީ ގާބެޖު ނައްތާލަން ގެންދާ ދުވަހެއް. އެދުވަހު ފެނުނު ގާބެޖުތައް ގާބެޖު އޭރިއާއަށް ގެނައިމަ ހަމަ އެދުވަހުން އެދުވަހަށް ތިލަފުށްޓަށް ގެންދެވިއްޖެ. ކޮންމެވެސް ކުއްޖަކަށް ފެނިގެން ފޮޓޯއެއް ނަގާފަ [ފޭސްބްކަށް] ލީ. އަޅުގަނޑުމެންނަށް ކުރިން އެކަން އެނގުނު ނަމަ ކަމާ ބެހޭ ފަރާތްތަކާ އެތަކެތި ހަވާލުކުރާނަން،" ނައީމް ވިދާޅުވި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ރީޔޫނިއަނުން ވަނީ މަތިންދާ ބޯޓެއްގެ ބައިތަކެއް ފެނިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެފައި ވަނީ އެތަނުން ފެނުނު މަތިންދާ ބޯޓުގެ ބައިތަކަކީ ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ފްރާންސުން އެތަކެތި ތަހުލީލު ކުރި ފަރާތްތަކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.
އެންމެ ފަހުން އެމްއެޗް 370 ފްލައިޓްގެ ޚަބަރެއް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ނާއްޓަލި ފަހުންނެވެ. ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ބޯޓުގެ ސިގުނަލް ގެއްލި، މިއަދާއި ހަމަޔަށް ވެސް އެ ބޯޓުވީތަނެއް ނޭނގެ އެވެ.
އެ ދުވަހު އެ ބޯޓު ބޭޖިންއަށް ދާން ނައްޓާލި އިރު އެ ބޯޓުގައި ޗައިނާގެ 152 ރައްޔިތުން ތިއްބެވެ. އަދި ބޯޓުގެ ކްރޫންނާއި ފަސިންޖަރުންނާ އެކު ޖުމްލަ 239 މީހުން އެ ބޯޓުގައި ދަތުރު ކުރި އެވެ.