ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ "ޚާއްސަ ކޮންގްރެސް' އަންނަ މަހު ފަހެއްގައި ބޭއްވުމަށް އެފްއޭއެމް ހިންގުމަށް ފީފައިން ކަނޑައަޅަފައިވާ ނޯމަލައިޒޭޝަން ކޮމިޓީއިން ނިންމައިފިއެވެ.

އެފްއޭއެމްއިން މީޑިއާތަކަށް ފޮނުއްވާފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ހާއްސަ ކޮންގްރެސް އަންނަ މަހު ބޭއްވުމަށް މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވުނު ނޯމަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ނިންމަފައިވާ ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ކޮންޓިޖެންޓާއެކު މިވަގުތު ރީޔޫނިއަންގައި ހުންނެވި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ސަން ވިދާޅުވީ "ހާއްސަ ކޮންގްރެސް" ބާއްވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއިން އެކުލަވާލި އެފްއޭއެމްގެ އާ ގަވައިދު ފީފާއަށް ފޮނުވުމުން ފީފާގެ އެޕްރޫވް ލިބުމާއެކު، އެފްއޭއެމްގެ މެންބަރުންގެ މެދުގައި ބާއްވާ ކޮންގްރެސްއަކުން އެގަވާއިދު ފާސް ކުރަން ޖެހޭތީ ކަމަށެވެ.

ބައްސާމް ވިދާޅުވީ ކޮންގްރެސްއިން ގަވައިދު ފާސް ކުރުމަށްފަހު އެފްއޭއެމްގެ އިންތިޚާބުގެ ތާރީޚެއް އިއުލާން ކުރާނެ ކަމަށެވެ.

"ކޮންގްރެސްއިން ސްޓެޗިއުޓް ފާސް ކުރުމަށްފަހު އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި އިންތިޚާބުގެ ތާރީޚް އިއުލާން ކުރާނެ. އިންތިހާބު ބާއްވާނީ އިންތިޚާބު އިއުލާން ކުރަތާ ދެމަސް ފަހުން،" ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރަން ޖެހޭނީ ޓީމެއް ގޮތަށް މުޅި ބޯޑު އެކުގައިކަމަށް ކަނޑައަޅާފައިވާނެ ކަމަށް ކުރިން ސަން އަށް ދެއްވި އިންޓަވިއު އެއްގައި ބައްސާމް ވަނީ ވިދާޅުުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އެފްއޭއެމްގެ ހިންގުން މިހާރުގެ ނޯމަލއިޒޭޝަން ކޮމިޓީއާ ހަވާލު ކުރުމަށްފަހު އެކޮމިޓީގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަވާލުކޮށްފައިވަނީ މިއަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ އާ ގަވައިދު ފާސްކޮށް އިންތިޚާބު ބޭއްވުމަށެވެ.

ނަމަވެސް އަންނަ މަހު ފަހެއް ގައި ބާއްވާ ޚާއްސަ ކޮންގްރެސްއިން ގަވާއިދު ފާސްކުރުމަށްފަހު އަންނަ މަހު 30 ކުރިން އިންތިޚާބު ނުބޭއްވޭނެއެވެ.

މިކަމާ ބެހޭގޮތުން ކުރިން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ބައްސަމް ވިދާޅުވީ ފީފާއަށް ހުށަހަޅާފައިވާ އެފްއޭއެމްގެ ގަވާއިދަށް އެޕްރޫވް ލިބުން ލަސްވާނަމަ އިންތިޚާބު ސެޕްޓެމްބަރު މަހަށްވުރެ ފަސްކުރުމުގެ އިޝަރާތެއް ފީފާއިން ދީފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް އައިރުވެސް އެގަވާއިދު ފީފާއިން އެޕްރުވްކޮށްފައި ނުވާކަމަށް އެދުވަހު ސަން އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވިއެވެ.