12 Mar 2011, 07:04
ބްރަސަލްސް : ލީބިޔާގެ ރައްޔިތުންނަށް އިންސާނީ އެހި ފޯރުކޮށްދިނުމަށްޓަކައި އިންސާނީ އެހީ ގެ ސަރަޙައްދުތަކެއް ލީބިޔާގައި ޤާއިމްކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުން ނިންމައިފިއެވެ.
ބްރަސަލްގައި އިއްޔެ ނިމުނު ޔޫރަޕްގެ އިއްތިޙާދުގެ ޤައުމަކުގެ އިސްވެރިންގެ ސަމިޓުންބުނީ ލީބިޔާގައި ޤާއިމްކުރެވޭ އިންސާނީ އެހީގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާނެ ފަރާތްތައް ޙިމާޔަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށާއި މިފަދަ ފިޔަވަޅުތަކެއްގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމުގައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ސަމިޓުންވަނީ ވެރިކަން ދުކޮށްލެއްވުމަށް ގައްޒާފީއަށް ގޮވާލައްވާފައެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ސަމިޓުން ގައްޒާފީ ވެރިކަމުން ފޭބުމަށް ގޮވާލިނަމަވެސް ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބެންޣާޒީގައި ޤާއިމްކޮށްފައިވާ އިންތިޤާލީ މަޖިލީހަށް ޔޫރަޕް އިޢްތިރާފްވުމަށް މި ސަމިޓުން ނިންމާފައެއް ނުވެއެވެ.
މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ވިދާޅުވީ ޔުރަޕްގެ އިއްތިޙާދުން އުސޫލެއްގެ ގޮތުން ދެކެނީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ފަރާތަކީ އިދިކޮޅު ފާރާތްތަކުން އުފައްދާފައިވާ އިންތިޤާލީ މަޖިލިސް ކަމުގައެވެ.
ލީބިޔާގެ މައްސަލާގައި ޔޫރަޕްގެ އިއްތިހާދުގެ ސިޔާސަތަކީ ޢަރަބިލީގުން ނިންމާގޮތަކަށް ތަބާވުން ކަމަށާއި އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިންތިޤާލީ މަޖިލީހަށް ޢަރަބި ލީގުން ޢިޢްތިރާފްވެއްޖެނަމަ ޔޫރަޕްގެ އިންތިޙާދުންވެސް އެމަޖިލީހަށް އިޢްތިރާފްވާނެ ކަމަށް ހަންގެރީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ލީބިޔާގެ ޙާލަތާބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި މިއަދު ޢަރަބި ލީގުގެ ކުއްލި ބައްދަލުވުމެއް ޤާހިރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ފަރަންސޭސިވިލާތުންވަނީ ލީބިޔާގެ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިންތިޤާލީ މަޖިލީހަށް ރަސްމީ ސިފައެއްގައި ޢިޢްތިރާފް ވެފައެވެ. -- އަލްޖަޒީރާ