ތިމާނޫން އެހެން ފަރާތްތަކުގެ މައުލޫމާތު ޕޮލިސް ރިކޯޑުގައި ނުހިމެނޭ ގޮތަށް ޕޮލިސް ރިކޯޑު ހާމަކުރުމުގެ ޤަވާއިދު އެކުލަވާލައި އެއަށް އަމަލު ކުރަން ފަށައިފި އެވެ.

އަލަށް އެކުލަވައިލި " ޕޮލިސް ރިކޯޑު ހާމަކުރުމުގެ ޤަވާއިދު" ގައިވާގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރައްކާކުރެވިފައިވާ މައުލޫމާތުގެ ތެރެއިން ދޫނުކުރެވޭނެ މައުލޫމާތުތަކެއް ވަނީ ބަޔާން ކުރެވިފައެވެ. އޭގެތެރޭގައި ތިމާނޫން އެހެން ފަރާތްތަކުގެ މައުލޫމާތުވެސް ހިމެނެ އެވެ.

ކުށުގެ ރިކޯޑަށް ދޫނުކުރެވޭނެ މައުލޫމާތުތައް:

  • ތިމާނޫން އެހެންފަރާތެއްގެ މައުލޫމާތެއް ހިމެނޭ ލިއުމެއް
  • ފުލުހުންގެ ތަޙްޤީޤެއް ހިނގަމުންދާ ނުވަތަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ މައްސަލައަކާއި ގުޅުންހުރި ލިޔެކިޔުމެއް
  • އިންޓެލިޖަންސް ގެ ގޮތުގައި އެއްކުރެވިފައިވާ މައުލޫމާތު

ޕޮލިސް ރިކޯޑަށް އެދި ހުށަހެށުޅުމުން ރިކޯޑް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި ކުރީގެ ޤަވާޢިދުގައި ކަނޑައަޅާފައި ވަނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 10 ދުވަސް ނަމަވެސް މިހާރު އެމުއްދަތު ވަނީ ފަސް ދުވަހަށް ބަދަލުކޮށްފައެވެ.

" އެހެން ނަމަވެސް އަލަށް އެކުލަވާލެވުނު ގަވާއިދުގައި މިމުއްދަތު ވަނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި ގިނަވެގެން 05 ދުވަހަށް ކުރުކުރެވިފައި ކަމުގައި ދަންނަވަން،" ސްޓްރެޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޙަނީފް ވިދާޅުވި އެވެ.

އަލަށް އެކުލަވައިލި ގަވާއިދުގެ ދަށުން ފުލުހުންނަށް ހުށަހެޅިފައިވާ ޖިނާޢީ ކުށުގެ މައްސަލައެއްގައި އެމީހެއްގެ މައްޗަށް ތުޙުމަތު ކުރެވި ތަޙުޤީޤު ހިނގަމުންދޭތޯ ބެލޭނެ ކަމަށްވެސް ހަނީފް ވިދާޅުވި އެވެ. އޭގެ އިތުރުން ފުލުހުން ތަޙުޤީޤުކޮށް ޝަރީޢަތް މެދުވެރިކޮށް ގޮތެއް ނިންމައިދިނުން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެއްގައި ތުހުމަތުކުރެވިފައި ވުންވެސް ހިމެނޭކަން ހަނީފް ވަނީ ފާހަގަކުރައްވައިފައެވެ.

ހަނީފް ވިދާޅުވީ، އަލަށް އެކުލަވައިލެވުނު ޤަވާއިދުގެ ސަބަބުން ފުލުހުންގެ އިދާރާގައި ރައްކާކުރެވިފައި ހުންނަ މައުލޫމާތާއި ކުށުގެ ރިކޯޑް ދޫކުރުމުގައި ސަރުކާރު އަދި އާންމު އިދާރާތަކުގެ އިތުރުން އާންމު ފަރުދުންނަށް ހާއްސަކޮށް ޒުވާނުންނަށް ވަޒީފާ ފުރުސަތުތައް ލިބުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

" ޕޮލިސް ރިކޯޑު ހާމަކުރުމުގެ ޤަވާއިދު" ސަރުކާރު ގެޒެޓްގައި އާންމުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެގަވާއިދު އާންމު ކުރުމާއި ގުޅިގެން 2009 ޖެނުއަރީ 02 އިން ފެށިގެން އަމަލު ކުރަމުން ގެންދިޔަ، ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު މިހާރު ވަނީ އުވިފައެވެ.