06 Aug 2015, 22:13
އެއާޕޯޓުގެ ސެކިއުރިޓީ ފާސް ވިއްކައިގެން 2013 ވަނަ އަހަރު ލިބުނު ފައިސާގެ ތެރެއިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއިކުރައްވައި އޮޑިޓް އޮފީހުން މިއަދު ނެރެފައިވާ ޑިފެންސް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން އެއަހަރު އެއާޕޯޓު ސެކިއުރިޓީ ފާސްވިއްކައިގެން 610،162 ރ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ބަލައިގެންފައެވެ.
ނަމަވެސް އެއާޕޯޓު ސެކިއުރިޓީ ފާސްވިއްކައިގެން ލިބުނު ފައިސާގެ އަދަދެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީން މާލީ ބަޔާނުގައި ހިމަނާފައި ވަނީ 365،036 ރ. ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ޑިފެންސް މިނިސްޓްރީން މާލީ ބަޔާނުގައި ހިމަނާފައިވާ ފައިސާގެ އަދަދާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އާމްދަނީ ރިޕޯޓުން ދައްކާ ފައިސާގެ އަދަދާ 245،126 ރ. ތަފާތެއް ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެ ދެލައްކައަށް ވުރެ ގިނަ ރުފިޔާއަކީ އޭވިއޭޝަން ފާސްވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ވީނުވީއެއް ނޭނގޭ ފައިސާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ސެކިއުރިޓީ ފާސް ވިއްކައިގެން ލިބުނު ކަމަށް ޑިފެންސް މިނިސްޓްރީގެ މާލީ ބަޔާނުގައި ކަނޑައަޅާފައިވާ އަދަދަކީ ސައްހަ އަދަދެއް ނޫންކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުންވެސް ޑިފެންސް މިނިސްޓްރީން 2013 ވަނަ އަހަރު ފައިސާގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އެގޮތުން ބައެއް ފައިސާގެ މުއާމަލާތްތަކުގައި ޑިފެންސް މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު މާލީ ބަޔާނުގައި ހިމަނާފައި ނުވާތީ ލިބިފައިވާ ކަމަށް ބުނާ ފައިސާގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.