06 Aug 2015, 22:22
އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަންތަނާއި އެ ކައުންސިލުން ދެމުން ގެންދިޔަ ގިނަ ޚިދުމަތްތަކެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރި ތަންތަނުގެ ތެރޭގައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކާއި މައިދާންތަކާއި ޕާކްތައް ހިމެނޭ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، މަގުތައް ހެދުމާއި މަގުތައް މަރާމާތު ކުރުމާއި ފާލަންތަކާއި ފެރީ ޓާމިނަލް ފަދަ ތަންތަނުގެ އިތުރުން މަގުމަތީގެ ފެން ހިންދުމާއި ކާނުތައް ސާފުކުރުމާއި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ޚިދުމަތްތައް ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ތަންތަނާއި ޚިދުމަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ އެ މިނިސްޓްރީގެ ޓީމެއް އައްޑޫ ސިޓީއަށް ގޮސް، ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު އެވެ.
އައްޑޫ ސިޓީއަށް ދިޔަ ހައުސިން މިނިސްޓްރީގެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރުގެ ނައިބު ހަސަން އަލީ އާއި އަބްދުﷲ ޒިޔާދާއި އެގްޒެކްޓިވް ކޯޑިނޭޓަރު އާމިރު އަލީގެ އިތުރުން އެ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސީނިއާ ތިން ބޭފުޅެކެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، އެކަމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.
"ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އެބަ އެއްބާރުލުން ދެއްވާ. މަސައްކަތް ކުރާނެ އިމާރާތެއް ހަމަޖައްސާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފަ،" އޮފިޝަލް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް ގާއިމްކޮށް ވަރަށް އަވަހަށް ޚިދުމަތްތައް ފެށޭނެ ކަމަށާއި ޚިދުމަތްތައް ފެށޭއިރު ސިޓީ ކައުންސިލްގައި އެފަދަ މަސައްކަތްތައް ކުރާ މުވައްޒަފުން ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.