"ޓުވެންޓިއަތު ސެންޗަރީ ފޮކްސް" ފަހާލުމަށްފަހު، ހޮލީވުޑް އިންޑަސްޓްރީގެ ތާރީހުގައި މިހާތަނަށް އަހަރެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސްޓޫޑިއޯގެ ރިކޯޑް މަޝްހޫރު ފިލްމު އުފައްދާ ކުންފުނި، ޔުނިވާސަލް ޕިކްޗާސް އިން ހޯދައިފި އެވެ.

"ޖުރެސިކް ވޯލްޑް"، "މިނިއަންސް" އަދި "ފިއުރިއަސް ސެވަން" ފަދަ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޔުނިވާސަލް އަށް އެ ރިކޯޑް ލިބުނީ، މިއަހަރުގެ މިހާތަނަށް މުޅި ދުނިޔެއިން ލިބުނު 5.53 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއާއި އެކުގައެވެ.

"މި ބޮޑު ކާމިޔާބީއަކީ ރަނގަޅު ތާރީހުތަކާއި ކުންފުނީގެ ޕްރޮޑަކްޝަން، މާކެޓިން އަދި ޑިސްޓްރިބިއުޝަން ޓީމުގެ ދުރުވިސްނޭ ނިންމުންތަކުގެ ނަތީޖާ،" ކާމިޔާބީއަށްފަހު ނެރުނު ބަޔާނެއްގައި ޔުނިވާސަލް ފިލްމު އެންޓަޓައިންމަންޓް ގްރޫޕުގެ ޗެއާމަން ޖެފް ޝެލް ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި އެ ސްޓޫޑިއޯއިން އިތުރު 10 ފިލްމު ބޮޑު ސްކްރީނަށް ނެރުމަށް ހަމަޖެހިފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން އިތުރު ރިކޯޑް ތަކެއް މުގުރާލުމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އަހަރެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ކަމުގެ ޝަރަފް މިދިޔަ އަހަރު އޮތީ، ޔުނިވާސަލް ސްޓޫޑިއޯގެ ވާދަވެރިޔާ، ޓުވެންޓިއަތު ސެންޗަރީ ފޮކްސްގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ސްޓޫޑިއޯއަށް ލިބުނު 5.52 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއާއެކުގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓަރު، ކޮމްކާސްޓުގެ ދަށުން ހިންގަމުން އަންނަ ޔުނިވާސަލް އިން ގިނަ ރިކޯޑްތަކެއް މުގުރަމުން އަންނައިރު، މިއަހަރުގެ މެއި މަހު ޔުނިވާސަލުން ނެރުނު ސައިންސް ފިކްޝަން އެޑްވެންޗާ ފިލްމު، "ޖުރެސިކް ވޯލްޑް" ވެފައިވަނީ 13 ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައި، މިހާތަނަށް މުޅި ދުނިޔޭގައި ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ހޯދި ފިލްމުގެ ރިކޯޑް ހޯދާފައެވެ.

މީގެ އިތުރުން، "ޖުރެސިކް ވޯލްޑް" އަކީ "އެވަޓާ" އަދި "ޓައިޓޭނިކް"އަށް ފަހު، ދުނިޔޭގައި ނެރެނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ލިސްޓުގެ ތިން ވަނައިގައި އޮތް ފިލްމެވެ.

އެ ލިސްޓުގެ ފަސްވަނައިގައި 1.5 ބިލިއަން އެމެރިކާ ޑޮލަރާއެކު ޔުނިވާސަލްގެ ފިލްމު "ފިއުރިއަސް ސެވަން" އޮތް އިރު، އެ ފިލްމު ވެފައިވަނީ ޗައިނާގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމަށެވެ.

ހަގީގީ ހާދިސާތަކެއް މައްޗަށް އުފައްދާފައިވާ ފިލްމު "އެވަރެސްޓް"، އެޕަލް ކުންފުނީގެ ކޯ ފައުންޑަރު ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމު "ސްޓީވް ޖޮބްސް" ގެ އިތުރުން އެންޖަލީނާ ޖޯލީ އާއި ބްރެޑް ޕިޓް ފެނިގެންދާ ފިލްމު "ބައި ދަ ސީ" އަކީ މިއަހަރު ޔުނިވާސަލް އިން ނެރުމަށް ތައްޔާރުވަމުން އަންނަ ބައެއް ފިލްމުތަކެވެ.