06 Aug 2015, 21:23
ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެސްޓީއޯ ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މިލާން ކްރިކެޓް އެކަޑަމީއާއި ސްރީލަންކާ ހައިކޮމިޝަން ޓީމްގެ މެޗް ވިއްސާރައިގެ ސަބުބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލުމުން ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ދިނުމަށްފަހު މެޗް ނިންމާލައިފިއެވެ.
ޓޮސް ދިމާވުމުން ކުޅެން އެރި ލަންކާ ހައިކޮމިޝަން ކުޅެން އަރާ ކުޅުންތެރިޔަކު ނުބައި ނުވެ ހަތް އޯވަރު ތެރޭގައި 51 ލަނޑު ހަދާފައިވަނިކޮށް ވާރޭވެހެން ފެށުމުގެ ސަބަބުން އިތުރަށް ކުޅުން ކުރިއަށް ނުގެން ދެވުމުން އަމްޕެޔަރުން ނިންމީ ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ލިބޭ ގޮތަށް ކަނޑައަޅައި މެޗް ނިންމާލުމަށެވެ.
މިހާރު ޓީމްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާއިރު ގުރޫޕް އޭ އިން އިންޑިއަން ބުލޫސްއަށް ހަ ޕޮއިންޓް، މިލާންއަށް ހަތަރު ޕޮއިންޓް، ލަންކާ ހައިކޮމިޝަނަށް އެއް ޕޮއިންޓެވެ.
ގުރޫޕް ބީގެ ތިން ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
ކްރިކެޓްބޯޑުން ނިންމާފައިވަނީ މާދަމާއަކީ ހުކުރު ދުވަސް ކަމުން ދެ މެޗް ކުޅުމަށެވެ. ހެނދުނު ކުޅޭ މެޗްގައި ބައްދަލުކުރާނީ އާރްއޯސީއާއި މާލޭ ސްޕޯރޓްސް ކްލަބެވެ. މެންދުރު ފަހު ކުޅޭ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާ ހައިކޮމިޝަންގެ ޓީމާއި ބަނގުލަދޭޝް ހައިކޮމިޝަންގެ ޓީމެވެ.