06 Aug 2015, 20:59
ސައުދީ އަރަބިއާގެ ޔަމަނު ބޯޑަރާ ކައިރީގައި ހުރި މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ އެވެ.
ސައުދީގެ އިސް އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އެގައުމުގެ މިސްކިތަށް މިއަދު ދިން ހަމަލާގެ ފަހަތުގައި ތިބީ ކޮންބައެއް ކަން އަދި ނޭންގޭ ކަމަށެވެ. އަދި އެ ހަމަލާ ދީފައި ވަނީ ސައުދޫގެ އަބަހާގެ ސެކިއުރިޓީ ފޯސްތަކަށް އަމާޒުކޮށްގެން ކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
މޭ މަހުގެ ތެރޭގައި ސައުދީގެ ޝިއާ މިސްކިތަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް(އައިއެސް) ޖަމާއަތް ކަމަށް ސައުދީން ވަނީ ތުހުމަތުކޮށްފަ އެވެ.
ސައުދީ ޓީވީއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ މިއަދު އެގައުމުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި މަރުވެފައިވާ ގިނަ މީހުންނަކީ ސައުދީ ސެކިއުރިޓީ ފައުޖުގެ މީހުން ކަމަށެވެ.
ސައުދީގެ އެކި ސަރަހައްދު ތަކަށް ހަމަލާތައް ދިނުމާއި ސެކިއުރިޓީ ފައުޖުތަކުގެ މީހުންނަށް ދޭ ހަމަލާ ތަކުގެ ތުހުމަތުގައި މިދިޔަ މަހުގެ ތެރޭގައި އައިއެސް ޖަމާއަތުގެ 431 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.