މިހާރަކަށް އައިސް ރާއްޖޭގައި އިންޓެލިޖެންސް ރިޕޯޓު ބޭނުން ކުރަނީ ނުހައްގުން މީހުންނާ މެދު ފިޔަވަޅު އަޅަން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވިދާޅުވީ ނުހައްގުން މީހުން ބަންދު ކުރުމާއި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބޭނުންކުރާ ޓޫލެއްގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓު ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓަކީ ޝަރުއީ މަރުހަލާގައި ބޭނުން ނުކުރެވޭނެ ްއެއްޗެއް ކަމަށް އެ ރިޕޯޓުގެ ތިރީގައި ލިޔެފައިވާނެ ކަމަށެވެ.

"އިންޓެލިޖެންސް ރިޕޯޓަކީ ކޮން ގޮތަކަށް ކިހިނެތް ބޭނުންކުރަން ޖެހޭ އެއްޗެއްތޯ ބަލާއިރު، އެއަކީ ޝަރުއީ މަރުހަލާގައި ނުވަތަ ޝަރީއަތުގައި މިބާވަތުގެ ކަންކަމުގައި ބޭނުން ނުކުރެވޭނެ އެއްޗެއްކަން އެ ރިޕޯޓުގެ ތިރީގައި ބަޔާންކޮށްފައިވާނެކަން އަޅުގަނޑު ފާހަގަކޮށްލަން،" އަލީ ޒާހިރު ވިދާޅުވި އެވެ.

އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ މިއަދު ވަނީ އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ޖަލަށް ބަދަލުކޮށްފަ އެވެ.

މިއަދު އިމްރާން ޖަލަށް ބަދަލުކުރި އިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ މިދިޔަ ޖުން މަހުގެ ދެވަނަ ދުވަހުން ފެށިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓާފައި ވަނިކޮށް، ޝަރީއަތް ނިމެންދެން އިމްރާން ގޭބަންދަށް ބަދަލުކޮށްފަ އެވެ.