ފުލުހުންނަށް ދާދިފަހުން ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކެއްގެ މައްޗަށް ބެލުމަށްހު އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަނެއްކާވެސް ޝަރީއަތް ނިމެންދެން ޖަލަށް ބަދަލުކޮށްފި އެވެ.

ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ އިމްރާން ޖަލަށް ބަދަލު ކުރީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.

ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ އޭނާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވެސް ވަނީ ބާއްވާފަ އެވެ. އެރޭ އިމްރާން ވަނީ ޓެރަރިޒަމްގެ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.

އޭގެފަހުން އިއްޔެ އިމްރާން ވަނީ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އިމްރާންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށެވެ. އަދި އެގޮތަށް އެދުނީ ފުލުހުން އިންޓެލިޖެންސް ރިޕޯޓެއް ތައްޔާރުކޮށް އެ އޮފީހަށް ފޮނުވުމުން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓުގައި ވަނީ ކީއްކޭތޯ އޮޅުންފިލުވުމަށް މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި ސުވާލުކުރުމުން، އެއީ ސިއްރު މައުލޫމާތުކަމަށްވާތީ އެ ރިޕޯޓާ ގުޅޭ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވި ކަމަށެވެ.

އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ އެމްޑީޕީއާ ބައިވެރިވެގެން "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

އިމްރާނުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވާފައެވެ.