އިސްލާމް އާބާދު : ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިގެންވާ ކުރުރާސްތާގެ މިސައިލެއް ޕާކިސްތާނުން ތަޖްރިބާ ކޮށްފިއެވެ.

ޙަތްފު 2 ގެ ނަމުން ނަންދެވިފައިވާ 180 ކިލޯމީޓަރުގެ ރާސްތާގެ މި މިސައިލަކީ ބިމުން ބިމަށް ފޮނުވާ މިސައިލެކެވެ. ޕާކިސްތާނުން މީގެކުރިންވެސް މިބާވަތުގެ މިސައިލް ކާމިޔާބުކަމާއެކު ތަޖްރިބާ ކޮށްފައިވެއެވެ.

މި މިސައިލް ތަޖްރިބާ ކުރެވުނު ތަނެއް ޕާކިސްތާންް ސިފައިން ހާމައެއް ނުކުރެއެވެ. ޕާކިސްތާނުން އަމިއްލައަށް އުފައްދާ މި ބާވަތުގެ މިސައިލަކީ ނިއުކްލިޔަރ ވޯ ހެޑްގެ އިތުރުން ކޮންވެންޝަނަލް ވޯހެޑްެސް ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސައިލެކެވެ. ޕާކިސްތާނަކީ މިސައިލް ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންގެންދާ ޤައުމެކެވެ.

ޕާކިސްތާނަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމެކެވެ. ޕާކިސްތާނުގައި މަދުވެގެން 10 ނުވަތަ 15 ނިއުކްލިޔަރ ބޮން ތައްޔާރީ ޙާލަތުގައި އެބައޮތްކަމަށް ހުޅަނގުގެ ޖާސޫސީ މަޢްލޫމާތުތައް ބުނެއެވެ.

ޕާކިސްތާނުން ނިއުކްލިޔަރ ބޮމެއް ތަޖްރިބާކުރީ 1998 ވަނަ އަހަރުގެ މޭމަހު އިންޑިޔާއިން ނިއުކްލިޔަރ ބޮމެއް ތަޖްރިބާ ކުރުމާގުޅިގެންނެވެ.

ޕާކިސްތާނުގެ އިތުރުން އިންޑިޔާ، އީރާން، ދެކުނު ކޮރެޔާ، އުތުރު ކޮރެޔާ އަދި ޗައިނާއަކީ އޭޝިޔާގައި މިސައިލް ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު ތަރައްޤީ ކުރަމުން ގެންދާ ޤައުމުތަކެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް