06 Aug 2015, 17:05
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުން ކުރިމިނަލް ކޯޓަށް ގެންގޮސްފި އެވެ.
އިއްޔެ ގޭބަންދަށް ބަދަލުކޮށްފައިވާ އިމްރާނުގެ ގާނޫނީ ވަކީލަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު 5 ޖަހާއިރު އިމްރާން ކޯޓަށް ހާޒިރު ކުރަން އަންގާފައިވާތީ މިހާރު ކޯޓަށް ގެންގޮސްފައިވާ ކަމަށާއި ހާޒިރުކުރީ ކޮންބޭނުމެއްގައި ކަމެއް ނޭންގޭ ކަމަށެވެ.
އަދާލަތު ޕާޓީގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:55 ކަންހާއިރު ކަރެކްޝަން ސާވިސް އިން ޝެއިހް އިމްރާން ގޭގައި ހުންނަވަނިކޮށް ވޭނަކަށް އަރުވައިގެން ކޯޓަސް ގެންގޮސްފައިވާ ކަމަށެވެ.
"ކޯޓަށް ގެންދިޔަ ކަމަށް ވަނީ، އެއީ ކީއްވެގެން ކަމެއް ނޭންގެ، މުއްދަތު ޖަހަން ކަމެއް ވެސް ނޭންގެ، ހަމަ ކުއްލިއަކަށް އައިސް ގެންދިޔައީ." އަދާލަތު ޕާޓީގެ އޮފިޝަލް ވިދާޅުވިއެވެ.
އެކަމާއި ގުޅޭގޮތުން ކަރެކްޝަން ސާވިސްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ.
ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ކުރިން ހުރި ޝެއިހް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެއެވެ.
އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ފުލުހުންގެ ބަންދުގައި ހުންނަތާ 64 ދުވަސް ފަހުންނެވެ. އޭނަ ހައްޔަރު ކުރީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ.
މީގެ ކުރިން ޖޫން މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި އެވެ. އޭރު ގާޒީ ވިދާޅުވީ އެގޮތަށް ނިންމީ މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން ވާހަކަދައްކަވަމުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
އިމްރާން ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
އިމްރާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުން ނުވަތަ އެފަދަ މަޤުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ލިބޭފަދަ ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަން ކަން ކަމަށެވެ.
މީހެއްގެ ފުރާނައަށް ގެއްލުން ނުލިބޭ ޓެރަރިޒަމްގެ އަމަލެއްކުރާ މީހާގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.