06 Aug 2015, 16:52
ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފި އެވެ.
ހެލްތު މިނިސްޓުރީގެ ހެލްތް މިނިސްޓުރީގެ ސުޕޯކް ޕާސަން ތަސްލީމާ އުސްމާން މިއަދު ސަން އަށް ވިދާޅުވީ ކުރިއާ އަޅާބަލާއިރު ޑެންގީ ޖެހޭ އަދަދު ވަރަށް މަދު ވަމުން އަންނަ ކަމަށެވެ. ވޭތުވެ ދިޔަ ހަފްތާގައި ވެސް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 60 މީހުން ކަމަށްވާ އިރު އެހިސާބުންވެސް ކޮންޓުރޯލް ވަމުން އަންނަ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
"ޖުލައި ފުރަތަމަ ހަފްތާގަ އެންމެ މަތިކޮށް އިނީ އެއީ 155 ކޭސް، އޭދެ ދެވަނަ ހަފްތާގައި 125، ދެން 90 ގަ އުޅުނީ ދެން 80 ގައި، އެގޮތަށް ހަތަރު ހަފްތާ ވެފައި އިނީ. އެހެންވީމާ މަޑުމަޑުން ދަށްވަމުން މިދަނީ." ތަސްލީމާ ވިދާޅުވި އެވެ.
ޑެންގީ ޖެހޭ މިންވަރު މަދުވަމުން އައި ނަމަވެސް މިއަހަރު ނިމެންދެން އާންމު ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ޑެންގީ އުޅޭނެ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
ޑެންގީ ޖެހިގެން މިއަހަރު މިހާތަނަށް 900 ކޭސް ހުށައެޅުފައިވާ އިރު ޑެންގީ ކޮންޓުރޯލް ކުރުމަށް މުޅި ރާއްޖޭގައި ވެސް މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދިޔަ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމަށް ސަރުކާރުން ވަނީ ގައުމީ ކެމްޕޭނެއް ފަށާފަ އެވެ. މިއަހަރު ވަނީ ޑެންގީގައި ތިން މީހަކު މަރުވެފަ އެވެ.