ކުޑަކުދިން ހާއްސަ ފެނެއް ކަމަށް ބުނެ ވިއްކާ "ބޭބީ ވޯޓާ"ގެ ލޭބަލް ބަދަލުކޮށް ވިއްކުމަށް، މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ އިން ބުނެފި އެވެ.

އެފްޑީިއޭ އިން ބުނީ މިހާރު މާކެޓުގައި ހުރި "ބޭބީ ވޯޓާ" ވިއްކާ ނަމަ "މި އުފެއްދުމަކީ ޅަފަތުގެ ކުދިންނާއި ކުޑަކުދިންނަށް ވަކި ހާއްސަ އުފެއްދުމެއް ނޫން" އެގޮތަށް ޖަހައިގެން ވިއްކުމަށެވެ. އެގޮތަށް ވިއްކޭނީ ވެސް މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ.

ކުޑަކުދިންނަށް ހާއްސަ ފެނުގެ ގޮތުގައި ރާއްޖެ އެތެރެކޮށްގެން ވިއްކާ "ބޭބީ ވޯޓާ" ފެނަނީ ކުޑަކުދިންނަށް ހާއްސަ އުފެއްދުންތަކެއް ނޫން ކަމަށް، އެފްޑީއޭ އިން ވަނީ ބުނެފަ އެވެ.

މީރާ އިން މިއަދު ބުނީ ކުޑަކުދިންގެ ކާނާއިން ޖީއެސްޓީ ނުނަގާނެ ކަމަށާއި ނަމަވެސް "ބޭބީ ވޯޓާ"އަކީ ކުޑަކުދިންނަށް ހާއްސަ ފެނެއް ނޫން ކަމަށް އެފްޑީއޭއިން އެހެން އިއުލާން ކުރުމާ އެކު ބޭބީ ވޯޓާއިން ހަ ޕަސެންޓް ޖީއެސްޓީ ނަގާނެ ކަމަށެވެ.