އަދަބީ ހަރަކާތްތަކުގައި ނަޒާހަތްތެރި ކަން ބެހެއްޓުމާއި ފަސާދަތައް ނައްތާލުމަށް މަސައްކަތް ކުރުމަށް ދިވެހިބަހުގެ އެެކެޑަމީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކޮމިޝަންގެ ރައީސް ހަސަން ލުތުފީއެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެެކެޑަމީގެ ރައީސް އަޝްރަފް އަލީ އެވެ.

"ފަހުމުނާމާ"ގެ ނަން ދެވިފައިވާ އެ އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެކެޑަމީގެ ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ އެކެޑަމީ ބައިވެރިވެގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި އެންމެ މުހިއްމު ކަމެއް ކަމުގައި ދިވެހި ބަހަކީ، އެންމެ މުހިއްމު ބަސް ކަމުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަޝްރަފް ވިދާޅުވީ، ދިވެހިބަހުގެ އެކެޑަމީން ހިންގާ މުބާރާތްތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަޒާހާތްތެރިކަމާ ގުޅިފައި ހުރި މަސައްކަތްތައް މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ހަރަކާތްތަކުގައި ފަސާދައިގެ އަމަލުތައް ހިނގާގޮތްތަކުގެ މައުލޫމާތު ދިނުންވެސް އެ އެއްބަސްވުމުގެ ދަށުން ކުރާނޭ ކަމަށް އަޝްރަފު ވިދާޅުވިއެވެ.

މިއަދުގެ އެއްބަސްވުމާއެކު ބަހުގެ އެކެޑަމީން ކުރިއަށްގެންދާ މުބާރާތްތަކުގެ އިނާމުތައް ހަމަޖެއްސުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.