06 Aug 2015, 15:42
އައްޑޫ ސިޓީ ހިތަދޫގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 11:50 އެހާކަންހާއިރު ހިތަދޫ "ހުސައިން މޫސާ މިސްކިތް" ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 12:30 އެހާކަންހާއިރު، ހިތަދޫ "މެދުވަލު ސްކޫލު" ކައިރިން ކަމަށެވެ. އޭނާ ވިދާޅުވީ އެ އެކްސިޑެންޓް ވެސް ހިނގަން މެދުވެރިވީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިއަދު އައްޑޫ ސިޓީގައި ހިނގި ދިޔަ އެކްސިޑެންޓުގައި އަނިޔާވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށެވެ.