މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހެއްގެ ގައިގައި ފައިން ޖެހި މީހުންގެ މައްޗަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުގައި ބުނާ "އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ" މާނައިގެ ދަށުން ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނެފައި ވަނީ މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ށ. ގޮއިދޫ މަލާޒް މުހައްމަދު ސިނާނާއި ގދ. ގައްދޫ ލޮޓަސް ލައުޝަން އަހްމަދު ޒާހިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ދައުލަތުގެ ވަކީލާ އައިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ ބައެއް މީހުން މުގުރުންނާއި ހެލްމެޓު އަދި ކޯނުން ފުލުސް މީހާއަށް ހަމަލާދިން އިރު އެ ދެ މީހުންގެ ފައިން ފުލުސް މީހާގެ ގައިގައި ޖަހާފައިވާ ކަމަށެވެ. އެހެންކަމުން އެއީ ގާނޫނުގައި ބުނާ ގޮތުން އެއްވެސް ސިފައެއްގައި ބައިވެރިވުން ކަމަށް ވަކީލާ ވިދާޅުވި އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ)ގައި ވަނީ ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެއް ކަމަށެވެ.

އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

އެއްވެސް ސިފައެއްގައި ބައިވެރިވުން ދައުލަތުން މާނަކުރާ ގޮތަށް ބަލައި މޭޑޭ މުޒަހަރާގެ ހުރިހާ ބައިވެރިންނަށް ދައުވާ ނުއުފުލީ ކީއްވެގެންތޯ އަބްދުﷲ ގާޒީ ވަނީ ސުވާލުކޮށްފަ އެވެ.

ދައުލަތުން މާނަކުރާ ގޮތަށް ބަލާއިރު މުޒާހަރާގެ ހުރިހާ ބައިވެރިންނަށް ދައުވާ އުފުލަންޖެހެނީ، އެމީހުން ހަމަނުޖެހުމަށް ހިތްވަރުދީފައިވާތީ ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އެ ދެ މީހުންގެ ދިފާއީ ވަކީލު އަހްމަދު ނާޒިމް ވިދާޅުވީ ދައުވާ އުފުލާފައިވާ ގޮތަށް ބަލާއިރު، ގިނަ ކަންތައްތަކެއް ދައުލަތުން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.

އެގޮތުން ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވާ މީހުން ފުލުސް މީހާއަށް ހަމަލާދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ މީހުން ނުރައްކާތެރި ހަތިޔާރުން ފުލުސް މީހާގެ ގައިގައި ޖެހި ޖެހުމުގައި ސިނާނާއި ލައުޝަން ބައިވެރިކަމާއި، އެ ދެ މީހުން ކުށް ކޮށްފައި ވަނީ ރާވައިގެންކަން ވެސް ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ނުރައްކާތެރި ހަތުޔާރުން ފުލުސް މީހާއަށް ހަމަލާދިން ކަމަށް ބުނާ މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވަނީސް މި ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުވެގެންނުވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާނެ ކަމަށާއި ހެކީންގެ ހެކިބަސް ނަގައި ނިމުމުން، ދައުވާ ސާބިތުވާނީ ނުވަތަ ނޫންތޯ އެނގިގެންދާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ ލިޔުމުން ހެކި ހުށަހެޅުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދިނުމަށްފަހު އެވެ.

އެ މައްސަލާގައި ދެން އޮންނާނީ ހެކީން ހާޒިރުކޮށް ހެކިބަސް ނެގުމެވެ.