ސޭޓުންގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީން ހޯދައި ރާއްޖެ އިން ބޭރަށް ފުރުވާލުމަށް ހާއްސަ ރެއިޑެއް ފަށައިފި އެވެ.

މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ބިދޭސީން ސޭޓުންގެ ގޮތުގައި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ނުބޭއްތިބުމަށް ތަކުރާރުކޮށް އަންނަނީ އަންގަމުންނެވެ. ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބިދޭސީން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގަޔާއި ފިހާރަތަކުގައި ބިދޭސީ ސޭޓުން ތިބެ އެވެ.

އިމިގްރޭޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިއަދު ފެށި އޮޕަރޭޝަނުން ސޭޓުންގެ ގޮތުގައި ތިބޭ ތަން ފެންނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އެ ބިދޭސީއިންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ބައެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ވިޒާ ބާތިލުކޮށްް ފުރުވާލަން ނިންމާފައިވާ ކަމަށެވެ.

"މިރެއިޑް އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި." އިމިގުރޭޝަން ބުންޏެވެ.

ބިދޭސީން ސޭޓޫންގެ ގޮތުގައި ގެންގުޅޭ ވިޔަފާރިތައް ހިންގާ ފަރާތްތަކާ މެދު އިމިގްރޭޝަނުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

ބިދޭސީން ކައުންޓަރުތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރަމުން ދިޔަ 106 ފިހާރައެއް މިދިޔަ މަހު އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިކޮނޮމިކް މިނިސްޓްރީ އިން ޖޫރިމަނާކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީ އިން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ޖޫރިމަނާގެ އިތުރުން ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.