ރާއްޖޭގެ މިނިވަން ކަމާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ނެރުނު ހަނދާނީ ނޫޓުގެ ރީތީ ސީރިއަލް ނަންބަރުތައް ހިމެނޭ ނޫޓްތައް ނީލަން ކިޔަން އެމްއެމްއޭ އިން ނިންމައިފި އެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސެއިން މިއަދު ސަން އަށް ވިދާޅުވީ، މިނިވަން 50 ނޫޓުތަކުގައި ހިމެނޭ ރީތި ސީިރިއަލް ނަންބަރުތައް ނީލަމުގައި ވިއްކުމަށް މިމަހު 17 ވަނަ ދުވަހު ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"ސަތާރަ ވަނަ ދުވަހު އޮންނާނެ އޮކްޝަން އިވެންޓެއް. އެއިވެންޓުގައި މިނޫޓުގެ ހާއްސަ ސީރިއަލް ނަންބަރުތައް ނީލަން ކިޔާނީ،" ފަޒާލު ވިދާޅުވި އެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރީންނަށް ދައުވަތު ދީގެން އެމްއެމްއޭ އިން އެއިވެންޓް ބާއްވަން ނިންމި ނަމަވެސް އެ ނޫޓުތަކުގެ ނީލަން ފެށޭ އަގެއް އަދި ކަނޑައަޅާފައި ނުވާކަމަށް ފަޒާލު ވިދާޅުވި އެވެ.

އެމްއެމްއޭ އިން އާންމުކޮށް 5000 ރުފިޔާގެ އެނޫޓް ވިއްކަނީ 7500 ރުފިޔާ އަށެވެ.

ފަޒާލު ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އާންމުކޮށް ވިއްކަން ފަށާފައިވާ އެނޫޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހަފްތާ ތެރޭގައި ވެސް އެސްޓީއޯ އާއި އެމްޑަބްލިޔްއެސްސީގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އެނޫޓް ގަނެފައިވާ ކަމަށް ފަޒާލު ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، އެނޫޓަކީ ވިޔަފާރި މުއާމަލާތުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އޮތް ނޫޓެއް ކަމަށް ވީ ނަމަވެސް އެނޫޓް ބޭނުން ކުރާނީ ވިޔަފާރި ކުރުމުގެ ބަދަލުގައި ހަނދާނީ ނޫޓެއްގެ ގޮތުގައި ކަމަށެވެ.

"ހަނދާނީ ނޫޓުގެ ބޭނުމަކީ ހަނދާނެއްގެ ގޮތުގައި ބޭއްވުމަށް ނެރެވޭ އެއްޗެއް. އެއީ ލީގަލް ޓެންޑާއެއް. ނަމަވެސް އެއީކީއެއް މުދަލާއި ހިދުމަތްތައް ގަންނަން ބޭނުން ކުރެވޭނެ ނޫޓެއްނޫން،" ގަވަރުނަރު އަޒީމާ ވިދާޅުވި އެވެ.

އެފައިސާއަކީ ހުނަރުވެރި ޑިޒައިނަރެއް ކަމަށްވާ އަބްދުﷲ ނަޝާތުގެ ޑިޒައިނެކެވެ. އެޑިޒައިން ހޮވާފައި ވަނީ ވާދަވެރި މުބާރާތަކަށްފަހު އެވެ.

އެނޫޓުގެ ކުރެހުމުން ރަމްޒުކޮށްދޭ ކަންކަން

  • 1965 އިން 2015 އަށް މިގައުމު ދެކެފައިވާ ތަރައްގީ (މީގެ 50 އަހަރު ކުރިންނާއި މިއަދު މާލޭ އުތުރު ފަރާތު މަލަމަތި ފެންނަ ފޮޓޯ އަސްލަކަށް ބަލައިގެން ކުރެހުމެއް)
  • ދިވެހި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގެ ރަސްމިއްޔާތު
  • ދިވެހިންގެ އަމިއްލަ ވަންތަކަމާއި ފަންނުވެރިކަމާއި އިސްލާމީ އާދަކާދަ އާއި ތަރިކަ.

މީގެ ކުރިން މިނިވަން ދުވަހާ ގުޅިގެން މުޅިން ވެސް ނެރެފައި ވަނީ ފައިސާ ފޮއްޗެވެ. ކަރުދާހުގައި ނޫޓެއް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.