11 Mar 2011, 23:42
ތަޅައި މެރިޔަސް ދީނީ ދަރުސްތައް ދިނުން ހުއްޓައިނުލައްވާނެ ކަމަށް ޝެއިހް އިބްރާހިމް ފަރީދު ވިދާޅުވެއްޖެ އެވެ.
ހުއްދަ ނެތި ދީނީ ނަސޭހަތް ދެއްވި ކަމަށް ބުނެ ފަރީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތަށް ދޮޅު އަހަރަށްފަހު ކްރިމިނަލް ކޯޓްގައި އަލުން ޝަރީއަތުގެ މަޖިލިސްތައް ފަށާފައިވަނިކޮށް "ވަދާއީ ދަރުސް"ގެ ނަމުގައި ދަރުސެއް އިއުލާން ކުރެއްވުމުން އުފެދުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން "ވަދާއީ ދަރުސް"ގައި ފަރީދު ވިދާޅުވީ ބަޔަކު އޭނާއަށް ކިތަންމެ އަނިޔާއެއް ކުރިޔަސް ދީނީ ދަރުސްތައް ދެއްވުން ހުއްޓައި ނުލައްވާނެ ކަމަށެވެ.
"ﷲ އަށް ބިރުވެތިވެހުރެ، އިހްލާސްތެރިކަމާއެކު ކެރިހުރެގެން މިދަންނަވަނީ އަޅުގަނޑުގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު، އަޅުގަނޑުގެ ނާރުތަކުގައި ލޭ ދައުރުކުރާހާ ހިނދަކު، އިންޝާﷲ، ﷲގެ ދީނަށް ދައުވަތު ފޯރުކޮށްދިނުން ހުއްޓައެއް ނުލާނަމޭ. ﷲގެ ދައުވަތު ފޯރުކޮށްދިނުން މަރު ދުވަހާ ޖެހެންދެން ހުއްޓައިނުލާނަމޭ... ﷲ ދެކެވާ ލޯބިން އަޅުގަނޑަކަށް ނުކެރޭނެ ހުއްޓައިލާކަށް. އަޅުގަނޑު މެރިޔަސް ތެޅިޔަސް ހަލާކުކޮށްލިޔަސް، ފުނޑުފުނޑުކޮށްލިއަސް ލާހިކެއް ނޫނޭ އަޅުގަނޑަކަށް އެކަން ހުއްޓާލާކަން،"
~
ދަރުސް ދިނުން ހުއްޓައިލެވެން ނެތް ސަބަބުތައް ބަޔާން ކުރައްވައި ފަރީދު ވިދާޅުވީ އޭނާގެ އެ މަސައްކަތަކީ "ނަބީބޭކަލުންގެ މަސައްކަތްޕުޅު" ކަމަށެވެ. އެކަމާ ދުރުނުކުރެވޭނެ ކަމަށް ވެސް ޝައިހު ވިދާޅުވި އެވެ.
ހުއްދަ ނެތި ފަރީދު ދީނީ ނަސޭހަތް ދެއްވި ކަމަށް ބުނެ ކުރާ ދައުވާގައި ބުނެފައިވަނީ ދީނީ ނަސޭހަތް ދިނުމާއި ވައުޟު ބުނެ އުޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުން ފަރީދަށް ދެއްވާފައިވާ ހުއްދަ މާޗް 25، 2003 ގައި ބާތިލްކޮށްފައި ވަނިކޮށް، ސެޕްޓެމްބަރު 19، 2007 ފެށިގެން އެ މަހުގެ 30 ހަމައަށް އުތުރުގެ ބައެއް އަތޮޅުތަކުގައި ފަރީދު ދީނީ ނަސޭހަތް ދެއްވާފައިވާ ކަމަށެވެ.
މައްސައިގެ ޝަރީއަތަށް ދޮޅު އަހަރުވުމަށްފަހު ޖެނުއަރީ 30، 2011 ގައި އަލުން ފެށިއިރު ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުލް ބާރީ ޔޫސުފު ވިދާޅުވެފައިވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ފަރީދަށް ރައްދު ކުރުމުގައި ދަތިތަކެއްހުރި ކަމަށެވެ. އެކަމުގައި ފަރީދު އެއްބާރުލުން ނުދެއްވައިފިނަމަ ބަންދުގައި ބަހައްޓައިގެން ނަމަވެސް އޭނާ ކޯޓަށް ހާޒިރު ކުރައްވާނެ ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަނުން "ވަދާއީ ދަރުސް" ނަމުގައި ބޭއްވި ދަރުސްގައި ފަރީދު ވާހަކަފުޅު ދައްކަވާފައިވަނީ "ހައްޖަތުލް ވަދާއުގައި" ކީރިތި ރަސޫލާ، ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށެވެ. އާޓިފިޝަލް ބީޗުގައި ބޭއްވި ދަރުސު އަޑު އަހަން ގިނަ އަދަދެއްގެ ބަޔަކު މިރޭ ޖަމާވި އެވެ.