06 Aug 2015, 12:25
ދުނިޔޭގެ 33 ގައުމަކުން މަންދޫބުން ބައިވެރިވާ ތިމާވެށި ހިމާޔަތް ކުރުމުގެ ބޮޑު ފޯރަމެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
މިހިނގާ އޮގަސްޓް މަހުގެ 16 އިން 19 އަށް މާލޭގައި ބާއްވަން ހަމަޖެހުނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ކުނި މެނޭޖް ކުރުމާއި ބެހޭ 3 އާރް (ރިޑިއުސް، ރިޔޫޒް، ރިސައިކަލް) ފޯރަމެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވަނީ އެ ފޯރަމް ރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްދެއްވާފަ އެވެ.
3 އާރް ފޯރަމް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު(ކ3) ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ
ފޯރަމް ލޯންޗް ކުރުމަށް ބޭއްވެވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފޯރަމްގައި ސަރުކާރުތަކުގެ ފަރާތުން 141 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އޭގެ ތެރޭގައި އަށް މިނިސްޓަރުންނާއި ހަތަރު ސްޓޭޓް މިނިސްޓަރުންނާއި މޭޔަރަކާއި ގަވާނާއެއް ހިމެނިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ގައުމުތަކުގެ ސަރުކާރުތައް ތަމްސީލު ކުރައްވާ ބޭފުޅުންގެ އިތުރުން އެކި އެކި ޖަމާއަތްތައް ތަމްސީލުކުރައްވާ 111 ބޭފުޅުންނާއި އެކު ޖުމްލަ 250 ބޭފުޅުން ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
3 އާރް ފޯރަމްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިނިސްޓަރު ތޯރިގާއި ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އިބުރާހީމް ހަލީލު ސޮއިކުރައްވަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ
ސަރަހައްދީ 3 އާރް ފޯރަމަކީ ޔުނައިޓެޑް ނޭޝަންސް ސެންޓަ ފޯ ރީޖަނަލް ޑިވެލޮޕްމެންޓް ( ޔޫއެންސީއާރްޑީ) އާއި ޖަޕާނު ސަރުކާރު ގުޅިގެން އިންތިޒާމްކުރާ ފޯރަމެކެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ. ރާއްޖޭގައި ބާއްވާ ފޯރަމް އަކީ އެ ސިލްސިލާގެ ހަވަނަ ފޯރަމެވެ.
މިނިސްޓަރު ވިދާޅުވީ 3 އާރް ފޯރަމް ރާއްޖޭގައި ބާއްވާތީ އޮގަސްޓްމަހުގެ 16 ވަނަ ދުވަހަކީ ނެޝަނަލް 3 އާރް ދުވަސް (ކުނީ އުފެދޭ މިންވަރު މަދުކުރުމާއި އުކާލަތަކެތީގެ ތެރެއިން ބޭނުން ހިފޭ ތަކެތި އަލުން ބޭނުންކުރުމާއި އެތަކެތި އެހެން ތަކެތި އުފެއްދުމުގެ އާދަ އަށަގެންނެވުމަށް މަސައްކަތްކުރާ) ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
".. އެދުވަހު ކުރެވޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި 3 އާރްގެ އުސޫލުތައް ކުރިއަރުވައި ކުނި މެނޭޖްކުރާނެ ތިމާވެށްޓާ ރަށްޓެހި ގޮތްތައް އާލާކުރުމަށް ރިސޯޓްތަކާއި އެކު ޑެކްލަރޭޝަނެއްގައި ސޮއިކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ އެ ފޯރަމްގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ފޯރަމްގެ އިތުރުން، ގައުމްތަކުން ވަޑައިގަންނަވާ އިސް ބޭފުޅުންނާއި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާ އެކު މަޝްވަރާތައް ކުރެވި، ފައިދާ ހުރި ކަންތައްތަކަށް މަގުފަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފޯރަމްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސާވިސް މީޑިއާ ( ޕީއެސްއެމް) ހަމަ ޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.