ޕްރިންސިޕަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޕޭމް)ގެ އޮނޮރަރީ މެމްބަރުކަން ވިލާކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރަށް ދެއްވައިފި އެވެ.

ޕޭމް އިން ބުނި ގޮތުގައި އޭނާ އަށް އެ މަގާމު ދެއްވާފައި ވަނީ ޑރ. އަންވަރު ސްކޫލުތަކުގެ ޕްރިންސިޕަލެއްގެ ގޮތުގައި އާއި އެޑިއުކޭޝަން މިނިސްޓްރީގައި ހުންނަވައިން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އަންވަރަށް އޮނޮރަރީ މެމްބަޝިޕް ކާޑު ދެއްވާފައި ވަނީ ޕޭމްގެ ރައީސް އަހުމަދު މުހައްމަދެވެ.

ޕޭމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން އޮނަރަރީ މެމްބަރުންނަކީ އެ ޖަމިއްޔާގެ މަގުސަދުތަކާ އެއްގޮތަށް ތައުލީމީ ދާއިރާއަށް ހިދުމަތްތައް ކޮށްދީފައިވާ ކަމަށް ޖަމިއްޔާގެ ހިންގާ ކޮމިޓީ އިން ގަބޫލު ކުރެވުމުން ތަސްދީގު ކުރާ މެމްބަރުންނެވެ. އެ މެމްބަރުކަން ލިބޭ ފަރާތަކީ ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމުގައި އުޅޭ ފަރާތެއް ނުވަތަ އެމަގާމުގައި އުޅެފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ޕޭމް އިން ބުންޏެވެ.

ޑރ. އަންވަރަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ.