ޒުވާން ވިޔަފާރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނު ޕްރޮގްރާމުގެ އިންޓަވިއުއަށް 285 ފަރާތެއް ޝޯޓުލިސްޓް ކޮށްފި އެވެ.

ގެޓްސެޓް ޕްރޮގްރާމްގެ މެނޭޖަރު މަހީލް އަލީ ޖަލީލް މިއަދު "ސަން" އަށް ވިދާޅުވީ އެ ފަރާތްތަކާ މިހާރު ވެސް އިންޓަވިއު ކުރަމުންދާ ކަމަށެވެ. އަދި އިންޓަވިއު ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބިލައްވާ ފަރާތްތަކަށް އަންނަ ހަފުތާގެ ބުދަ ދުވަހު ލޯނު ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވެސް މި ދަނީ އެބޭފުޅުންނާ [ޝޯޓުލިސްޓް ކުރެވުނު ފަރާތްތައް] އިންޓަވިއު ކުރަމުން. އެބޭފުޅުންގެ ތެރެއިން އަދި ވަކި ފަރާތްތަކަކަށް ލޯނު ލިބޭނީ،" މަހީލް ވިދާޅުވި އެވެ.

މާލެއިން ބޭރުގައި ނުވަތަ ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން އިންޓަވިއުއަށް ވަޑައިނުގަނެވޭ ފަރާތްތަކަށް ފޯނުން އިންޓަވިއު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް ގެޓްސެޓު އޮފީހުން މައުލޫމާތުދެ އެވެ.

ގެޓްސެޓް ލޯނަށް 500 އަށް ވުރެ ގިނަ ފަރާތުން ވަނީ އެޕްލައިކޮށްފަ އެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަހީލް ވިދާޅުވީ ޝޯޓް ލިސްޓްކޮށްފައިވާ ބައެއް ފަރާތްތަކަށް ގުޅުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

ފަސް އަހަރުތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.