މެކްސިކޯގެ ޖަލުން ފިލި އެގައުމުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގައި ގޭންގެއްގެ ވެރިއެއް ކަމަށްވާ ޖޯގިން ގުޒްމަންގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

ގުޒްމަން ޖަލުން ފިލާފައި ވަނީ 1.5 ކިލޯ މީޓަރުގެ ބިންގަރާހަކުން މިދިއަ މަހުގެ ތެރޭގަ އެވެ.

އެމެރިކާގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީއޭ) އިން ބުނީ ގުޒްމަންގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރާނެ ކަމަށެވެ. ޑީއީއޭ އިން ވަނީ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ހޮޓްލައިނެއް އެކުލަވާލާފަ އެވެ.

ބިންގަރާހަށް ފައިބަން ހަދާފައިހުރި ހަރުގަނޑު ----- ފޮޓޯ: އޭޕީ

ޑީއީއޭގެ އެކްޓިން ހެޑް ޗަންކް ރޯސަން ބާގް ވިދާޅުވީ ގުޒްމަން އަދި ހުރީ މެކްސިކޯގައި އޭނާގެ ސިޓީ ސިނާލޯގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ނަމަވެސް މެކްސިކޯގެ ކޮންމެ ތަކެއްގައިވެސް ހުރެދާނެ ކަމަށްވެސް ބާގް ވިދާޅުވި އެވެ.

އެމެރިކާ ސަރުކާރުގެ އިތުރުން ގުޒމްނަގެ މައުލޫމާތު ހިއސާކުރާ ފަރާތަކަށް އެއް ބިލިއަން ޑޮލަރު ދޭނެ ކަމަށް މެކްސިކޯއިންވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ބިންގަރާހުން މައްޗަށް އެރުމަށް ހަދާފައިވާ ކުޑަގޮޅި -- ފޮޓޯ ރޮއިޓާސް

ގުޒްމަން ހޯދުމަށް މެކްސިކޯގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފަ އެވެ. އަދި އޭނާ ފިލުމަށް ޖަލުގެ އެއްވެސް މުވައްޒަފަކު އެހީތެރިވެދީފައިވޭތޯ ބެލުމަށް ވަރުގަދަ ތަހުގީގެއް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ޖަލުގެ 18 މުވައްޒަފަކާއި ސުވާލުކޮށް އޭގެ ތެރެއިން ތިން ޖަލު އޮފިސަރަކު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ވަނީ މުއްދަތު ޖަހާފަ އެވެ.

ގުޒްމަން އަކީ ކުރިން އާދައިގެ ޑްރަގް ޑީލަރަކަށް ވިޔަސް 2003 ވަނަ އަހަރު ޖަލުން ފިލުމަށް ފަހު އޭނާ ވެފައި ވަނީ މެކްސިކޯގެ އެންމެ ނުރައްކާތެރި އަދި ނުފޫޒު ގަދަ ޑްރަގް ކާޓެލްގެ ވެރިޔާ ކަމަށެވެ. ދެހާސް ތިން ވަނަ އަހަރު ފިލި ފަހުން މެކްސިކޯގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރީ މިދިޔަ އަހަރު އެވެ.

ގުޒްމަން ނުބައި މީހެއްގެ ގޮތުގައި ހިމަނައިގެން ވާހަކަތަކާއި ފިލްމުތައް އުފައްދާފައިވެ އެވެ.