އިސްލާމީ މަރުކަޒުގެ ހަރިންމަ ބޮޑުކުރުމުގެ ގޮތުން އެ މިސްކިތުގެ ތެރެއަށް ވަދެގެންދާނެ ދެ މަގެއްގައި ދުއްވާ އެއްޗިއްސަށް ނުދުއްވޭ ގޮތަށް ބަންދުކޮށްފައިވުމުން އެ ސަރަހައްދުގެ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހިއްޖެ އެވެ.

ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރަނީ، އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ މެދުޒިޔާރަތް މަގުގައި ތަޅުން އެޅުމަށް ނިންމާފައިވާ ސަރަހައްދުގަ އެވެ. އެއީ ޖުމްހޫރީ ބިނާ ހުންނަ ސަރަހައްދުން ފެށިގެން އިރުން ހުޅަނގަށް ޗާންދަނީމަގާ ގުޅޭ ސަރަހައްދެވެ. އަދި އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާ ދެމެދުގައި އޮންނަ އަމީރު އަހުމަދު މަގުގެ ބައެއްގައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފަ އެވެ.

އެމަގުތައް ބަންދުކޮށް ޗާންދަނީ މަގުގެ ބަޔަކާއި ލިލީމަގު ބައެއްގައި ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެކަމުގެ ސަބަބުން ވޭތުވެދިޔަ ތިން ވަރަކަށް ދުވަހުގެ ތެރޭގައި ވަނީ އެސަރަހައްދުގެ ޓުރެފިކަށް ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ. ހާއްސަ ކޮށް ޝަހީދު އާދަމް ބިލްޑިން ހިމެނޭ ބޮޑުތަކުރުފާނާއި ޗާންދަނީ މަގުގެ ޓުރެފިކް ވަރަށް ބޮޑެވެ.

ޗާންދަނީ މަގަކީ ގިނަ ސްކޫލްތަކެއް ހުންނަ މަގަކަށްވުމުން އެސުކޫލްތަކަށް ކުދިން ގެނދިއުމަށާއި އޮފީސްތަކަށް ދާ ފަރާތްތަކަށް ވެސް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ.

އިންތިހާއަށް ޓުރެފިކް މައްސަލަ ދިމާވެފައިވާ އިރު އެކަމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާއި ފުލުހުންގެ ޓުރެފިކް ޑިޕާޓްމެންޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޓްރެފިކް މެނޭޖްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ކުރިން ވިދާޅުވީ އެ ސަރަހައްދަށް މިއަދުން ފެށިގެން ބަދަލުތައް އަންނަ އިރު، މުޅި އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ޓްރެފިކް ޕޮލިހުން ކުރަމުން ގެންދާނެ ކަމަށެވެ. ގަވާއިދާ ހިލާފަށް ކަމެއް ދިމާވި ނަމަވެސް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ފުރަތަމަ ދުވަސްކޮޅު ނުގެން ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިޔަވަޅު އެޅުމުގެ ވިސްނުމެއް ފުރަތަމަ ދުވަސްކޮޅަކު އަޅުގަނޑުމެން ނުގެން ގުޅެން. އެކަންކަން ކިޔައިދީގެން ރައްޔިތުންނަށް މިވަނީ ކީއްކަން އެނގޭމިންވަރަށް އަޅުގަނޑުމެން އެތާ މަސައްކަތްކޮށްދޭނަށް މަގުދެއްކުމަށް ޓަކައި،" ދާއޫދު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްލާމީ މަރުކަޒާއި ކައިރި މަގުތަކަށް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމުގެ ބޭނުމަކީ އިސްލާމީ މަރުކަޒުގައި ޖަމާއަތް ބޮޑުވެގެންދާ ވަގުތުތަކުގައި ފަސޭހަ ކަމާއި އެކީ ބޭނުން ކުރެވޭ ގޮތް ހެދުން ކަމަށެވެ.