ޖަޕާނަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި އެގައުމަށް 33 ފޫޓުގެ ސުނާމީއެއް އަރައި، ބޮޑެތި ގެއްލުންތައްވެ، 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު 10:45 އެހާކަންހާއިރު ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް ރިކްޓާ މިންގަނޑުން 8.9 ބާރުމިނުގައި މިއަދު އައި އެ ބިންހެލުމުގެ ލޮޅުންތައް 15 މިނެއްޓެއްހާއިރަށް ދިގުދެމިގެންގޮސްފައިވެ އެވެ. އަދި ބިންހެލުން އައިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ޖަޕާނަށް ވަނީ އުސްމިނުގައި 30 ފޫޓް ހުރި ބޮޑު ސުނާމީއެއް އަރައިފަ އެވެ. އެ ސުނާމީގެ އިންޒާރު ޕެސިފިކް ސަރަހައްދުގެ ގިނަ ގައުމުތަކަށް ނެރެފައިވާއިރު އެންމެ ބޮޑު ގެއްލުމެއް މިހާތަނަށް ލިބުނީ ޖަޕާނަށެވެ.

ޖަޕާނަށް ކުރިމަތިވި މި ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އިތުރުން ހޮންޝޫ ޖަޒީރާއަށާއި ބިންހެލުމުގެ އެޕިސެންޓަރާ ކައިރި ހިސާބުތައް ކަމަށްވާ ފުކުޝިމާ އަދި ސެންޑާއީއަށެވެ. އެ ސަރަހައްދުތަކަށް ބިޔަ ރާޅުތައް އަރައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ބޭރުގެ މީޑިއާތަކުން ދައްކަމުންދާ ވީޑިއޯ ފުޓެޖްތަކަށް ބަލާއިރު ޖަޕާނުގެ އިރުއުތުރު ސަރަހައްދުން އުފެދިގެން އައި ސުނާމީގެ ބިޔަ ރާޅުތަކުގައި ބޯޓާއި ލޯންޗްފަހަރު ވަނީ މޫދުން އެއްގަމަލަށް އެއްލައިލައިފަ އެވެ. އަދި އެ ރާޅުތަކުގައި އެއްގަމުގައި ހުރި ގެތަަކައި، ވެހިކަލްތަކުގެ އިތުރުން މަގުތަކުގައި ހުރި ތަކެތި ވަނީ އޮޔާގޮސްފަ އެވެ. އަދި ބިންހެލުމުގައި އެރި ލޮޅުންތަކުގައި ބައެއް އިމާރާތްތަކުގެ ފުރާޅު ވެއްޓި، ބައެއް މީހުންނަށް އަނިޔާވެސްވެފައި ވެއެވެ.

http://www.youtube.com/watch?v=k4w27IczOTk

ޖަޕާނުގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުން 200 އާއި 300 އާ ގާތްކުރާ އަދަދެއްގެ ހަށިތައް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޖަޕާނު ފުލުހުން ބުނަނީ، އެ އަދަދު އެތައް ސަތޭކައަކުން އަދިވެސް އިތުރު ވާނެ ކަމަށެވެ.

ޖަޕާނުގެ ބިން ހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ސަބަބުން އިތުރު ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނެރެފައިވަނީ ރަޝިޔާއާއި ފިލިޕިންސްގެ އިތުރުން ތައިވާނާއި ނިއު ޒިލެންޑާއި އޮސްޓްރޭލިއާގެ އިތުރުން ސެންޓްރަލް އަދި ސައުތު އެމެރިކާ ހިމެނެ އެވެ. ނަމަވެސް، މީގެ ތެރެއިން މިހާތަނަށް ސުނާމީގެ އަސަރުކޮށްފައިވަނީ ހަމައެކަނި ފިލިޕިންސަށާއި ހަވާއީ އަދި އިންޑޮނޭޝިޔާއަށެވެ. ތައިވާނާއި ނިއުޒިލެންޑުގައި ނެރުނު އިންޒާރުތައް ކެންސަލްކޮށްފައިވާއިރު އެހެންގައުުމުތަކުން އަދިވެސް ތިބީ ތައްޔާރީ ހާލަތުގަ އެވެ.

ތިރީގައި މިވަނީ ސުނާމީގެ އަސަރުކުރާނެ ކަމަށް ބެލެވުނު ގޮތުގެ އޭރިއަލް ފޮޓޯއެކެވެ.

http://www.sun.mv/uploads/l_589658.jpg

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ، ސުނާމީގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި އަދި އިންޑިއާ ކަނޑުގެ އެއްވެސް ގައުމަކަށް ވެސް އޭގެ އަސަރުނުކުރާނެ ކަމަށެވެ.

ޖަޕާނުގައި ދިވެހި 24 އާއިލާއެއް ދިރިއުޅެމުންދާ ކަމަށް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލާދީ ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ އާއިލާތަކާ ގުޅުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެންނަމަވެސް ޖަޕާނުގެ މުވާސަލާތީ ޚިދުމަތްތައް މެދުކެނޑިފައިވާތީ ގުޅުމުގައި ބޮޑެތި ދަތިތަކާ ދިމާވަމުންދާ ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގައި ޚަބަރު ނުލިބޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނުގެ ބިންހެލުމުގައި ފޯނު ލައިންތައް ކެނޑުމުގެ އިތުރުން ޓޯކިޔޯގެ މުޅި ޓްރާންސްޕޯޓް ނިޒާމްވެސް ވަނީ ހުއްޓި، އެތައް މިލިއަން ބަޔަކު މަގުމަތިވެފަ އެވެ. ގެއަށް ނުދެވި އެތައް ސަތޭކަ ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދަމުންދާއިރު، އާއިލާތަކުން ދަނީ ބިންހެލުމާއި ސުނާމީގައި ގެއްލުނު މީހުން ހޯދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް، ޓްރާންސްޕޯޓް ނިޒާމް ހުއްޓި، ފޯނުތައް ކެނޑިފައިވާތީ އެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފަ އެވެ.

http://www.youtube.com/watch?v=dnjlli_yV-k

މީގެ އިތުރުން ޖަޕާނުގެ 55 ނިއުކްލިއާ ޕަވާ ސްޓޭޝަން ހުންނައިރު، އޭގެ ތެރެއިން ބިންހެލުމުގެ އެޕިސެންޓަރާ ކައިރި، ފުކުޝިމާ ސަރަހައްދުގައި ހުރި އެއް ސްޓޭޝަންގެ ކޫލިން ސިސްޓަމް ފެއިލްވުމާ ގުޅިގެން ޖަޕާނުގެ ބޮޑު ވަޒީރު ވަނީ ކުއްލި ހާލަތު އިއުލާންކުރައްވައިފަ އެވެ. ނަމަވެސް، އެމަނިކުފާނު ވަނީ ރޭޑިއޯއެކްޓިވް ލީކޭޖެއް ނޫޅޭ ކަމުގައި ޔަގީންކަން ދެއްވައިފަ އެވެ. އެ ސަރަހައްދުން 3000 އަށް ވުރެ ގިނަ މީހުން ސަލާމަތީ ސަބަބުތަކަށްޓަކައި ދަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަމުންނެވެ.

http://www.youtube.com/watch?v=6GJ8zXchM58

ޖަޕާނުގެ ބިންހެލުމުގައި ހިނގައިފައިވާ އެންމެ ނުރައްކާތެރި ހާދިސާތަކުގެ ތެރޭގައި ޓޯކިޔޯގެ ތެޔޮ ކާރުހާނާއެއްގައި ރޯވުމުގެ އިތުރަށް، 100 މީހުން ދަތުރުކުރަމުންދިޔަ ބޯޓެއް ސުނާމީގައި ގެއްލުން ހިމެނެ އެވެ.

އިޗިވާކީގައި ހުންނަ އޮއިލް ރިފައިނަރީގައި ރޯވި އަލިފާންގަނޑު ގަޑިއިރުތަކެއް ފަހުން ކޮންޓްރޯލްކޮށްފައިވާ ނަމަވެސް، ގެއްލުނު ބޯޓުގެ ޚަބަރެއް އަދި ލިބިފައިނުވާ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.

http://www.youtube.com/watch?v=QqQhNsMkV3c

ޖަޕާނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި އދ. އަށް ވެވެން އޮތް ހުރިހާ އެހީތެރި ކަމެއް ވެދެއްވާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ ވިދާޅުވެފައެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ މުއްސަނދި ގައުމުތަކުން ދަނީ ޖަޕާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނަމުންނެވެ.

http://sun.mv/albums/l_322.jpg