06 Aug 2015, 10:37
އަތޮޅު އަދި ރަށު ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑާއި މަގާމުތަކުގެ އޮނިގަނޑު "ހައިބްރިޑް މޮޑެލް" އަށް ބައްޓަން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުންނާއި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް އިން އިންތިޒާމުކޮށްގެން ސްޓެލްކޯގައި މިއަދު ފެށި އެއް ދުވަހުގެ ބައްދަލުވުމަކީ ރަށްރަށުގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށްދާ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމަކީ ކައުންސިލުގެ އޮނިގަނޑުތައް ހައިބްރިޑް މޮޑެލްއަށް ބަދަލު ކުރުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް މަޝްވަރާ ކުރުމަށް ކުރިއަށްދާ ބައްދަލުވުމެކެވެ.
މިހާރު ސްޓެލްކޯގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ސްޓެލްކޯގައި ކުރިއަށް ގެންދާ އެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ހަސަން ދީދީ ވިދާޅުވީ ހައިބްރިޑް ޕްރޮގްރާމްގެ ބޭނުމަކީ ކޮންމެ މުއައްޒަފަކީ ވެސް ތަފާތު މަސްއޫލިއްޔަތުތަކެއް އަދާ ކުރެވޭ ނުވަތަ "މަލްޓި ސްކިލްޑް" ބަޔަކަށް ހެދުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގެ އިމްޕްލިމެންޓޭޝަން އާއެކު ރަށްރަށުގެ ކައުންސިލުތަކުގައި މުއައްޒަފުންގެ އަދަދު މަދުވެގެން ދާނެ ކަމަށެވެ.
އޮނިގަނޑު އެފަދަ ގޮތަކަށް ބައްޓަން ކުރަން ޖެހިފައި ވަނީ އާންމުންގެ ފަރާތުން ޕްރެޝަރު ލިބުމާ އެކު އެވެ. އެއީ އަވަހަށް ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ސްޓެލްކޯގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހްމާން އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރަށް ރަށުގެ ހިދުމްތަތައް ވެސް އެހެން ތަންތަނެކޭ އެއްގޮތަށް ޓެކްނޮލޮޖީގެ އުފެއްދުންތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެފަދައިން މަސައްކަތް ކުރުމުގެ ސަބަބުން ކޮންމެ ފަރާތެއްގެ މަސައްކަތް ވެސް ހަލުވި ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ކުރިއަށްދާ މަޝްވަރާ ބައްދަލުވުގައި ސަރުކާރުގެ ގިނަ އިދާރާތަކަކުން ބައިވެރިވެ އެވެ.