06 Aug 2015, 10:10
ކުއާލަލަންޕޫރު (އޮގަސްޓް 6) : ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވޭ ފަދަ ސުލްހަވެރި ހައްލެއް ހޯދުމާބެހޭ ގޮތުންނާއި އައިއެސް ޖަމާއަތް ބަލިކޮށްލެވޭނެ ސްޓްރެޓެޖީއަކާ ބެހޭ ގޮތުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވރޯވް އާއި އެެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މެލޭޝިޔާގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
ދެބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ މީގެ ތިންދުވަސްކުރިން ގަތަރުގައި އެދެބޭފުޅުން ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އާއެކު ކުރެއްވި މަޝްވަރާތަކާ އަދި ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް އީރާނުން ހުށަހަޅާފައިވާ ސުލްހައިގެ މަޝްރޫޢުގެ އިތުރުން އައިއެސް ޖަމާއަތުގެ ނުރައްކަލާ ބެހޭ ގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ. މީގެ އިތުރުން ޔުކްރޭންގެ މައްސަލައާއި އެނޫންވެސް ބައެއް މައްސަލަތަކާ ބެހޭ ގޮތުން ކެރީއާއި ލާވްރޯވް މަޝްވަރާ ކުރެއްވި އެވެ.
މިމަޝްރޫޢަށް ސޫރިޔާ ތާއީދުކޮށްފައިވާ އިރު މިމަޝްރޫޢާބެހޭ މައުލޫމާތު ސާފުކުރުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު މިހަފްތާގެ ކުރީކޮޅުގައި ވަނީ އީރާނަށް ވަޑައިގެންފަ އެވެ. އީރާނުގެ މަޝްރޫޢު ބިނާވެފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކަކުން ވެސް އެއްވެސް ޝަރުތަކާނުލައި ހަމަލާތައް ހުއްޓާލުމާއި ސޫރިޔާގެ ސަރަހައްދީ ރޮނގުތައް ކޮންޓްރޯލްކޮށް ބޭރުގެ ހަނގުރާމަވެރިންނަށް ސޫރިޔާއަށް އެތެރެނުވެވޭނެގޮތް ހެދުމުގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ނުލިބޭނެގޮތް ހެދުމުގެ މައްޗަށެވެ. މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި އަވަހަށް ފެށުމާ އެއަށް ފަހު ސޫރިޔާގައި އިންތިގާލީ ސަރުކާރެއް އުފެއްދުން ވެސް މިމަޝްރޫޢުގައި ހިމެނެ އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވރޯވް އާއި އެެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މެލޭޝިޔާގައި ކުރެއްވި މަޝްވަރާތަކުގައި އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއާއި ރަޝިޔާ ގުޅިގެން ހަނގުރާމަ ކުރެވޭނެ ސްޓްރެޓެޖީއެއް އެކުލަވާލުން ވެސް ހިމެނެ އެވެ. ނަމަވެސް މިފަދަ ސްޓްރެޓެޖީއަކަށް ދެގައުމަށް އަދިވެސް އެއްބަސް ނުވެވޭކަމަށް ކުއާލަލަންޕޫރުގައި ދެއްވި ބަޔާނެއްގައި ލާވްރޯވް ވިދާޅުވި އެވެ. އައިއެސް ޖަމާއަތާ ދެކޮޅަށް މިދިޔަ ހަފްތާގައި ތުރުކީވެސްވަނީ ހަނގުރާމަ އިޢްލާންކޮށްފަ އެވެ. (ނޫސްއެޖެންސީތައް)