ވ. ރަކީދޫގައި އަނިޔާކޮށް، މަރާލި މުހައްމަދު އިބްތިހާލްގެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް އަލުން އަނބުރާ ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

ޖެންޑާ މިނިސްޓުރީގެ ދަށުން ހިންގަމުން އަންނަ ވ. ފުލިދޫ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުގައި ވަޒީފާ އަދާކުރަމުން ދިޔަ ގއ. ފިޔޯރީ، ބީޗް ވިލާ، އަހުމަދު ޝުޒާދު ވަޒީފާއިން ވަކި ކުރީ އިބްތިހާލު މަރުވި މައްސަލައަށް ފަހު ޖެންޑާ މިނިސްޓުރީން ކުރި ތަހުގީގަށް ފަހު އެވެ.

ޖެންޑާ މިނިސްޓްރީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ޝުޒާދު ވަޒީފާއިން ވަކިކޮށްފައި ވަނީ އިބްތިހާލާ މެދު ވ. ފުލިދޫ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުގެ ފަރާތުން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވެފައި ވާތީ ކަމަށެވެ.

ޓްރައިބިއުނަލުން މިއަދު ނިންމި ނިންމުމުގައި ވަނީ ޖެންޑާ މިނިސްޓްރީގެ ވަޒީފާއިން ވަކިކުރި ޝުޒާދުއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ޒިންމާތަކަށް އޭނާ އިހުމާލުވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނަށް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

އިބްތިހާލުގެ މަރުގެ މައްސަލާގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ވަޒީފާއިން ވަކި ކުރި ޝުޒާދަށްވުރެއް މަގާމާއި މަސްއޫލިއްޔަތުގެ ގޮތުން އިސްކޮށް ކޭސް މެނޭޖުމަންޓުގެ މަސައްކަތްތައް ކުރުމާއި ގުޅޭ ގޮތުން ތަމްރީނު ލިބިފައިވާ ފަރާތެއް ކަމަށް ވެސް ޓުރެބިއުނަލުގެ ނިންމުމުގައި ބުނެފައިވެ އެވެ. އަދި ޝުޒާދަށް ވުރެއް އިސްކޮށް ހަރަކާތްތެރިވި މުވައްޒަފު އިބުތިހާލު މަރުވި މައްސަލާގައި އިހުމާލުވެފައިވާކަން އެނގެން އޮތްކަން ވެސް ނިންމުމުގައިވެ އެވެ.

ޓުރެބިއުނަލުން މިއަދު ނިންމި ނިންމުމުގައި ވަނީ އެއްވެސް އެންގުމެއް ނެތި ޝުޒާދު ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެ، ގާނޫނާ އެއްގޮތަށް ކަމަށް ބަލާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށް ނިންމުމުގައި ވަނީ ބުނެފަ އެވެ. އަދި އޭނާ އަށް ވަޒީފާ ހަމަޖައްސައިދީ ތިން ދުވަހުގެ ތެރޭގައި ޓުރެބިއުނަލަށް އެންގުމަށް ވެސް ނިންމުމުގައި ވަނީ ބުނެފަ އެވެ.

އިބްތިހާލުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށެވެ. އަދި އިބްތިހާލަށް އަނިޔާކުރި ކަމަށް ތަހުގީގުގައި އާފިޔާ ވަނީ އެއްބަސްވެފަ އެވެ.