05 Aug 2015, 23:10
ރިޔޫނިއަނަށް ލައްގާފައި އޮއްވައި ފެނުނު މަތިންދާބޯޓެއްގެ ފިޔަގަނޑުގެ ބަޔަކީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370ގެ ބައެއްކަން ކަށަވަރުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ، މިދިޔަ އަހަރުގެ މާޗްމަހުގެ އަށް ވަނަ ދުވަހު، ކުއަލަ ލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ އެގައުގެ މަތިންދާބޯޓް އެމްއެޗް370 އިންޑިއާ ކަނޑުގެ ދެކުނަށް ވެއްޓިފައިވާ ކަމުގެ "ފިޒިކަލް އެވިޑެންސް" މިހާރު ފެނިފައިވާ ކަމަށެވެ.
"މިއަދު، ބޯޓު ގެއްލުނުތާ 513 ދުވަސްފަހުން، އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވާން ޖެހެނީ، ރިޔޫނިއަންއިން ފެނުނު މަތިންދާ ބޯޓުގެ ބަޔަކީ އެމްއެޗް370ގެ ބައެއްކަން އެކަން ބަލަމުން ގެންދާ ބައިނަލްއަގްވާމީ ޓީމުން ވަނީ ކަށަވަރުކޮށްދީފައި،" ބޮޑުވަޒީރު ނަޖީބު ވިދާޅުވި އެވެ.
ނަޖީބު ވިދާޅުވީ ރީޔުނިއަންގެ ގޮނޑުދޮށުން ލައްގާފައިވާ މަތިންދާ ބޯޓުގެ ބައިތައް ފްރާންސަށް ޓެސްޓް ކުރަން ފޮނުވުމުން، އެ ތަކެއްޗަކީ ގެއްލިފައިވާ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ޓެސްޓުތަކުން ޔަގީންވެފައިވާ ކަމަށެވެ.
ބޯޓުގެ ފިޔަގަނޑުގެ ޓެސްޓް ހަދާފައި ވަނީ ފްރާންސް ޓޮލޫސްގައި ހުންނަ އެއާނޯޓިކަލް ސާވޭ ކުރާ ލެބޯޓަރީއަކުންނެވެ.
މީގެ ހަފުތާއެއް ކުރިން ރީޔޫނިއަނުން ފެނިފައި ވަނީ ބޯއިން 777 މަރުކާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބައެކެވެ.
އެންމެ ފަހުން އެމްއެޗް 370 ފްލައިޓްގެ ޚަބަރެއް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ނާއްޓަލި ފަހުންނެވެ. ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ބޯޓުގެ ސިގުނަލް ގެއްލި، މިއަދާއި ހަމަޔަށް ވެސް އެ ބޯޓުވީތަނެއް ނޭނގެ އެވެ.
އެ ދުވަހު އެ ބޯޓު ބޭޖިންއަށް ދާން ނައްޓާލިއިރު އެ ބޯޓުގައި ޗައިނާގެ 152 ރައްޔިތުން ތިއްބެވެ. އަދި ބޯޓުގެ ކްރޫއިންނާއި ފަސިންޖަރުންނާއެކު ޖުމްލަ 239 މީހުން އެ ބޯޓުގައި ދަތުރު ކުރި އެވެ.
އިންޑިއާ ކަނޑުގެ ޒަޒީރާއެއް ކަމަށްވާ ރީޔޫނިއަނުން ފެނުނު ބޯޓުގެ އެއް ފިޔަގަނޑުގެ ބައިތައް ޓެސްތް ކުރި އެކްސްޕާޓުންގެ ފަރަތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފްރާންސްގެ ޕްރޮސިކިއުޓާ ސާޖް މެކޯވިއާކް ވިދާޅުުވީ މިއަދު ކުރި ޓެސްތްތަކުން ޔަގީނާ ގާތަށް ރީޔޫނިއަންގެ ގޮނޑު ދަށުން ފެނުނު މަތިންދާ ބޯޓުގެ ފިޔައިގެ ބައިތަކަކީ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ބުނަން އެނގޭ ކަމަށެވެ.
މެކޯވިއާކް ވިދާޅުވީ އެ ބޯޓުގެ ބައިތައް ތަހުގީގު ކުރިއިރު އެއާ ނޯޓިކަލް އެކްސްޕާޓުންނާއި އެކަމާ ގުޅުންހުރި މެލޭޝީ އާއި ޗައިނާ އާއި އޮސްޓްރޭލިއާގެ ފަރާތްތަކުން ބައިވެރިވެ ފައިވާ ކަމަށެވެ.
"މެލޭޝިއާ އެއާ ލައިން ކުންފުނީގެ އިސްފަރާތްތަކުން ވަނީ އަޅުގަނޑުމެންނަށް އެމްއެޗް 370 ބޯޓުގެ އިލަމެންޓްސްތަކުގެ ޓެކްނިކަލް ހާއްސަ މައުލޫމަތުތައް އަޅުގަނޑުމެނަށް ފޯރުކޮށްދީފައި. އެހެންވެ އަޅުގަނޑުމެން ވަނީ އެ ފެނުނު ބައިތަކަކަކީ އެމްއެޗް 370 ގެ އިލަމެންޓްސްތަކުގެ ޓެކްނިކަލް ހާއްސަ މައުލޫމާތާ ދިމަވެތޯ ބަލާފައި. އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކަމާއެކު ދަންނަވަން ކެރޭ ރީޔޫނިއަންގެ ގޮނޑު ދަށުން ފެނުނު މަތިންދާ ބޯޓުގެ ބައިތަކަކީ އެމްއެޗް 370 ބައިތަކެއް ކަން،" މިދިޔަ މަހު 29 ވަނަ ދުވަހު ރީޔޫނިއަންގެ ގޮނޑުދަށުން ފެނުނު މަތިންދާ ބޯޓުގެ ބައިތަކުގެ ޓެސްޓްތަކުގެ މައުލޫމަތުތައް ހާމަކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި މެކޯވިއާކް ވިދާޅުވި އެވެ.
މެކްވޯކް ވިދާޅުވީ، ރިސަލްޓްގެ އެނަލިސިސް ނިމޭނީ ކޮންއިރަކުން ކަމެއް ދަންނަވަން ނޭނގޭ ކަމަށާއި އިންވެސްޓިގޭޓަރުންވެސް މިހާރުވެސް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދަނީ އެމަސައްކަތް ކަމަށެވެ.
"މިއީ ވަރަށް ބޮޑަށް ޔަގީންކޮށް ދަންނަވަން އެނގޭ ކަމެއް. އެހެން ނަމަވެސް މުޅިން ކަށަވަރުކޮށްދެވޭނީ މި އެނަލަސިސްތައް ނިމުމުން. އެކަން މާދަމާ ނިމުނަސް އަޅުގަނޑުމެން މުޅިން ކަށަވަރުކޮށްދޭނަން،" މެކްވާކް ނޫސް ކޮންފަރެންސް ނިންމާލައްވަމުން ވިދާލުވެފައިވެއެވެ.
ރިޔޫނިއަންއިން ފެނުނު އެމްއެޗް370ގެ ފިޔަގަނޑުގެ ބައިތައް ޓޮލޫސް ސީޓިގައި ހުންނަ ފްރާންސްގެ އަސްކަރީ ލެބޯޓަރީއަކުންވެސް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.