ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އެސްޓީއޯ ޓީ ޓުވެންޓީ ބްލާސްޓް ކުރިކެޓް" މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ހިންނަވަރު ހިރިޔާގެ މައްޗަށް ސީބީއެލް ސްޕޯޓްސް ކުލަބު ކާމިޔާބުކޮށްފިއެވެ.

ޓޮސް ދިމާވުމުން ސީބީއެލް ކުޅެން އަރައި ހަ ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެތެރޭގައި 198 ލަނޑު ހެދިއެވެ.

އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 49 ބޯޅައިން 91 ލަނޑުހެދި ޑިސެރާމްއާއި 40 ލަނޑުހެދި ތުސާރާއެވެ.

ޖަވާބުގައި ހިންނަވަރު ހިރިޔާ ކުޅެންއަރައި 11.2 އޯވަރުގައި ވާރޭ ވެހެން ފެށުމުން ކުޅުން ވަނީ ހުއްޓާލާފައެވެ. އޭރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހިންނަވަރަށް ހެދިފައި އޮތީ 87 ލަނޑެވެ.

ވިއްސާރައިގެ ސަބަބުން އިތުރަށް ކުޅުން ކުރިއަށް ނުގެންދެވުމުން މެޗް ނިންމާލިއެވެ.

ކްރިކެޓް ބޯޑުން ބުނީ ގަވާއިދުގައި ވާގޮތުން ޑީއެލް ކަލްކިއުލޭޓު ކުރުމުން 11.2 އޯވަރުގެތެރޭގައި ހިންނަވަރު ޓީމް ހަދަން ޖެހެނީ 111 ލަނޑު ކަމަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ކުޅުން ހުއްޓާލިއިރު ހިރިޔާއަށް ހެދިފައިވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 87 ލަނޑަށްވާތީ 24 ލަނޑުން ސީބީއެލް މޮޅުވިކަމަށް ނިންމީ ކަމަށެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މިލާން ކުރިކެޓް އެކަޑަމީއާއި ސްރީލަންކާ ހައިކޮމިސަންގެ ޓީމެވެ. ކުޅުން ފޭށޭނީ މާދަމާ މެންދުރު ފަހު 2:15 ގައެވެ.