ސީރިއާގެ އުތުރުގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރީންނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރުން ދެމުންގެންދާ ހަމަލާތައް އިތުރަށް ފުޅާކޮށް ތުރުކީގެ އެއާބޭސްތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ވަރަށް އަވަހަށް ފައްޓާނޭ ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީން މިދިޔަ ހަފްތާގައި ސީރިއާގައި ވާ އައިއެސްގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދިނުމަށްފަހު މިހާރު އެއްބަސްވެފައިވަނީ، އެގައުމުގެ އިންޖަލިކް އެއާބޭސް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބޭނުންކުރުމަށް ހުއްދަދީ، ހަނގުރާމަވެރީންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށެވެ.

އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ހަތިޔާރުއެޅި ޑްރޯންތަކުން މިދިޔަ ހަފްތާބަންދުގައި ވަނީ، ތުރުކީގެ އެއާބޭސް ބޭނުންކޮށްގެން ހާއްސަ މިޝަނެއް ފަށައިފައެވެ. އެހެން ނަމަވެސް މިހާތަނަށް ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައި ނުވާނެ ކަމަށާއި އަސްކަރިއްޔާއިން މިހާރު ރާވާފައިވަނީ، އިންސާނުންނާއެކު އުދުހޭ ބޯޓުތައް ބޭނުންކޮށްގެން ހަމަލާތައް އިތުރަށް ފުޅާކުރާން ކަމަށްވެސް އެމެރިކާގެ އޮފިޝަލާ ހަވާލާދީ އޭޕީގައި ބުނެފައިވެއެވެ.

ވޮޝިންޓަނާއި އަންކާރާއާ ދެމެދު ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައި ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާއިން ތަމްރީނުކޮށްފައިވާ، ހަނގުރާމަވެރީންނަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

"އެމެރިކާއާއެކު އަހަރެމެން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަހަރެމެން މިހާރު ވާނީ އެމެރިކާއަށް މިތަނުގެ އެއާބޭސްތައް ހުޅުވާލުމަށް އެއްބަސްވެފައި ހާއްސަކޮށް އިންޖަލިކް އެއާބޭސް،" ތުރުކީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަދާނާގެ އެއާބޭސް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވާ ކަމަށް އަލިއަޅުއްވާލައިއްވައި ތުރުކީގެ ސްޓޭޓް ޓީވީ، ޓީއާރުޓީއަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ފޮރިން މިނިސްޓަރު މިފަލޫތު ކައުސޮގްލޫ ވިދާޅުވިއެވެ.

އެމެރިކާއިން ތަމްރީނުކޮށްފައިވާ 60 ވަރަކަށް ހަނގުރާމަވެރީން އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު، އެ މީހުންނަކީ ހަނގުރާމަމަތީގެ އެންމެ ފަހުގެ ވަސީލަތްތަށް ބޭނުންކުރާ ބަޔަކަށް ވުމުން، ވައިގެމަގުން އެމީހުންނަށް އެހީބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު އެހީތެރިކަމަށް އެދެވޭނޭ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

އެހެން ނަމަވެސް އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި އެގައުމުން ތަމްރީނުކޮށް ހަރުކަށި ޖަމާއަތްތަކާއެކު މަސައްކަތްކުރުމަށް ނެރެފައިވާ ހަނގުރާމަވެރީންގެ ގިނަ ބަޔަކު ސީރިއާގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮތްޕެއް ކަމަށްވާ އަލް ނުސްރާ ފްރޮންޓުން އަތުލައިގެންފައިވާތީ، އެފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އެމެރިކާއާ ގުޅިގެން އައިއެސްއާ ހަނގުރާމަކުރަމުން ގެންދާ ސީރިއާގެ ކުރުދީ ލަޝްކަރެއް ކަމަށްވާ ވައިޕީޖީ މިލިޝިއަށް ތުރުކީން އިތުބާރު ނުކުރާއިރު، އެގައުމުން ބުނެފައި ވަނީ ކުރުދީ ގޮރިއްލާ ހަނގުރާމަވެރީން ފުރާތު ކޯރު ސަރަހައްދުގައި ކަނޑައަޅާފައިވާ "ސޭފް ޒޯން"އަށް ވުރެ ކުރިއަށް ނުދިއުމަށް އެދިފައެވެ.