05 Aug 2015, 20:26
އިންޑިއަން އޯޝަން އައިލެންޑްގޭމްސް (އައިއޯއައިޖީ) ގެ ފިރިހެން ވޮލީ އިވެންޓްގައި މިރޭ ކުޅުނު މެޗުން ސީޝެލްސް އަތުން ތިން ސެޓުން ބަލިވިނަމަވެސް މުބާރާތުގެ ސެމީފައިނަލަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމް ދަތުރުކޮށްފިއެވެ.
ސީޝެލްސް އަތުން ބަލިވި ނަމަަވެސް ރާއްޖެ ސެމީ ފައިނަލަށް ދަތުރު ކުރީ ރާއްޖެ ހިމެނޭ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗް މަޔޯޓް އަތުން މޮޅުވެފައި ވުމުން ސީޝެލްސްއާ މަޔޯޓް ކުޅުނު މެޗުން މަޔޯޓް ބަލިވެފައި ވާތީއެވެ.
ސީޝެލްސް މަޔޯޓް އަތުން މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ.
މިރޭގެ މެޗްގައި ސީޝެލްސް ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ. އަދި ދެވަނަ ސެޓް 25-20 ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ 25-22 ންނެވެ.
މިމެޗުން މޮޅުވުމުން ސީޝެލްސް ސެމީ ފައިނަލަށް ދަތުރު ކުރީ ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
ސެމީ ފައިނަލްގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ރިޔޫނިއަންއެވެ.