05 Aug 2015, 18:22
އެންމެ ފަހުގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ނ. އަތޮޅުގެ މެންބަރުކަން ކުރެއްވި އިބްރާހީމް ސިރާޖު އެމްޑީއޭ އަށް ސޮއިކުރައްވައިފި އެވެ. ސިރާޖް އަކީ ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށްވާ ނ. ހޮޅުދޫ ހަސަންކަލޭފާނުގެ ބޭފުޅެކެވެ.
ސިރާޖް އެމްޑީއޭ އަށް ސޮއިކުރެއްވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސިރާޖު ވިދާޅުވީ، އޭނާ އެމްޑީއޭ އަށް ސޮއިކުރެއްވި މައިގަނޑު ސަބަބަކީ ރާއްޖޭގައި މިހާރު އުފެދި ހަރަކާތްތެރިވަމުން އަންނަ ސިޔާސީ ޕާޓީ ތަކަށް ބަލާ އިރު އޭނާގެ އުފަން އަތޮޅު ކަމަށްވާ ނ. އަތޮޅަށް އެންމެ ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ޕާޓީ އަކީ އެމްޑީއޭ ކަމަށްވާތީ ކަމަށެވެ. އޭގެ އިތުރުން އަމިއްލަ މަސްލަހަތަށް ވުރެ ޖަމާއަތުގެ މަސްލަހަތަށް އިސްކަންދޭ ބޭފުޅެއްގެ ގޮތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ފާހަގަކުރެއްވޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"ރާއްޖޭގައި އުފެދުނު ވަރަށް ގިނަ ސިޔާސީ ޕާޓީ ތަކުން އިސްކުރިތަން ފެނުނީ އަމިއްލަ މަސްލަހަތު. ގައުމީ ވިސްނުން ނުވަތަ ޖަމާއަތުގެ ވިސްނުމުގައި މަސައްކަތްކުރި ތަނެއް ނުފެނުނު. އެމްޑީއޭ އަޅުގަނޑަށް ފާހަގަކުރެވެނީ ވަރަށް ގައުމީ ވިސްނުމެއް ގެންގުޅޭ ޕާޓީއެއްގެ ގޮތުގަ،" ސިރާޖް ވިދާޅުވި އެވެ.
އެންމެ ފަހުން އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިންތިޚާބުގައި ނ. އަތޮޅުން ދެބޭފުޅުން ހޮވި އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ވެސް ސިރާޖު އަށެވެ. އޭނާ ވަނީ 20 ވަރަކަށް އަހަރު ދައުލަތަށް ޚިދުމަތް ކުރައްވައިފަ އެވެ. އޭނާ އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭގައި، ހެޑްމާސްޓަރުކަން އަދި އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލްކަން ފާހަގަކޮށްލެވެ އެވެ.
ސިރާޖު އެމްޑީއޭ އަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފާއި ގައުމީ ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.