ފެސްބުކްއިން ދުނިޔޭގެ އެކަހެރި ސަރަހައްދުތަކަށް ލޭޒާ ބޭނުންކޮށް ފެންވަރު ރަނގަޅު އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ، އިރުގެ ހަކަތައިން އުދުހޭ، މަތިންދާބޯޓެއްގެ ތަފުސީލު ހާމަކޮށްފިއެވެ.

ޕައިލޮޓެއް ބޭނުން ނުކޮށް އަމިއްލައަށް އުދުހޭ މި މަތިންދާބޯޓުގެ ފިޔަގަނޑު ބޮއިންގް 737 މަރުކާގެ މަތިންދާބޯޓެއްހާ ބޮޑު ވިއަސް ބަރުމިން ކާރަކަށްވުރެ ލުޔެވެ. އަދި އެ ކުންފުނިން ބުނާގޮތުގައި މި މަތިންދާބޯޓަކީ ބިމުގައި ނުޖައްސައި އެތަކެއް މަހެއް ވަންދެން އުދުހުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.

"އެކުއިލާ" ގެ ނަން ދެވިފައިވާ މި މަޑްރޯނަކީ އެ ކުންފުނީގެ، ރަނގަޅު ފެންވަރުގެ އިންޓަނެޓް އެތަންމިތާ ދިރިއުޅޭ އެތައް ސަތޭކަ މިލިއަން މީހުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ފައްޓާފައިވާ ޕްރޮޖެކްޓެއްގެ ބައެކެވެ.

"އަހަރުމެން ވަރަށް ކާމިޔާބު ކަމާއެކު ސިކުންތެއްގެ ތެރޭގައި 10 ގިގަބިޓްސްގެ ޑޭޓާ ފޯރުކޮށްދޭ ލޭޒާއެއް ޓެސްޓު ކޮށްފިން،" ފޭސްބުކްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ބުންޏެވެ.

"އެއީ ކުރީގެ އެހެން އެއްވެސް ސިސްޓަމަކަށްވުރެ ބާރު ދުވެއްޔެއް. އަދި އޭތި ސީދާ، ލާރިފޮއްޗެއްގެ ކުޑަމިނުގައި ހުރި ކޮންމެ ޕޮއިންޓަކަށްވެސް، 10 މޭލު ދުރުން ގުޅޭނެ."

"މިއީ ވަރަށް މުހިންމު މަސައްކަތެއް. ސަބަބަކީ ދުނިޔޭގެ އާބާދީގެ %10 އުޅެނީ އިންޓަނެޓް ނުލިބޭ ހިސާބުތަކުގައި. އަގުހެޔޮކޮށް އެންމެން (އިންޓަނެޓުގެ ހިދުމަތުން) ގުޅާލަން މުޅިން އާ ޓެކްނޮލޮޖީ އުފައްދަން އެބަ ޖެހޭ."

ފޭސްބުކް އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެމީހުންގެ ޓީމުގައި އުދުހުމާއި މުވާސަލާތީ ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރުން ހިމެނޭ ކަމަށެވެ.

ފޭސްބުކް އިން މިކަން އިއުލާނު މިކުރީ ގޫގަލް އިން އެމީހުންގެ "ލޫން ބެލޫން" ޕްރޮޖެކްޓު އިއުލާނުކުރި ފަހުންނެވެ. ގޯގަލްގެ މަގުސަދަކީ 100 ދުވަސްވަންދެން ވައިގެ ތެރޭގައި ހުރުމުގެ ގާބިލުކަން ލިބިފައިވާ ބޮޑެތި "ލޫން ބެލޫންސް" ބޭނުންކޮށްގެން ދުނިޔޭގެ އެކަހެރި ގައުމުތަކަށް ވައިފައި ހިދުމަތް ފޯރުކޮށްދިނުމެވެ.