11 Mar 2011, 21:18
ސަން އެފްއެމްގެ "އިލްމީ ހަޒާނާ"ގެ 100 ވަނަ ޕްރޮގްރާމް މެދުވެރިކޮށް، ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިންތަކެއް، ލަވަކިޔުން ހުއްޓައިލިކަން ރަސްމީކޮށް އިއުލާންކޮށް، ހުއްޓައިލި ސަބަބާބެހޭ ގޮތުން ވާހަކަ ދައްކައިފި އެވެ.
ލަވަކިޔުން ހުއްޓައިލައިގެން ތިބުމަށްފަހު އިލްމީ ހަޒާނާ މެދުވެރިކޮށް އެކަން ރަސްމީކޮށް އިއުލާން ކުރުމާއެކު ސަބަބު ބަޔާންކޮށް ވާހަކަ ދެއްކީ "ޓްރިއޯ" ބޭންޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މޫސާ ޝިފާއު އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ބާރީ އާއި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަޒީމްގެ ކޮއްކޮ އިބްރާހިމް ރަމީޒް (އިބޭ) އެވެ.
މިއުޒިކް ކުޅުމާއި ލަވަކިޔުން ހުއްޓައިލިކަން ރަސްމީކޮށް އިއުލާންކޮށް އެކަން ހުއްޓައިލި ސަބަބާބެހޭ ގޮތުން މޫސާ ޝިފާއު ބުނީ "ލަވަޔާއި މިއުޒިކަކީ ފުރާނައިގެ ކާނާ ނޫން" ކަމަށާއި "މިއުޒިކާ ލަވަޔާ މެދު ގިމަޔާތް ދުވަހުން ސުވާލު ކުރެވޭނެ" ކަމަށެވެ.
ހަތް އަހަރަށް ފަހު ލަވަކިޔުން ހުއްޓައިލި ޝިފާއު ބުނީ އޭނާ ލަވަކިޔުން ހުއްޓައިލީ ވަރަށް ބޮޑު އާމްދަނީ ލިބި، އެއިން އެއްވެސް ފައިދާއެއް ނުކޮށް ކަމަށާއި ލަވަކިޔުން ހުއްޓައިލެވުން އެއީ އޭނާއަށް "މާތް ﷲ ދެއްވި ހެޔޮ ރަހުމަތް" ކަމަށެވެ.
ލަވަކިޔުން ހުއްޓައިލައިގެން ހުންނަތާ ދުވަސްތަކެއް ވެފައިވާ އަބްދުލް ބާރީ އޭނާގެ ބަދަލުވުން ރަސްމީކޮށް އިއުލާން ކުރަމުން ބުނީ އޭނާ ލަވަކިޔުން ހުއްޓައިލީ "ހިތަށް ބިރުވެރިކަން ވަދެގެން" ކަމަށެވެ. އަދި ބުނީ މިހާރު ކުރިޔަށް ވުރެ މާ އުފާވެރިވެފައި ދިރިއުޅުން ހަމަޖެހޭ ކަމަށެވެ.
ބޭބެ އަލީ ރަމީޒާއެކުއެކީގައި ފްރީޒް ބޭންޑްގައި މިއުޒިކުޅެ ލަވަތައް ކިޔުމަށް ފަހު ކުރިންސުރެ ލަވަކިޔުން ހުއްޓާލައިގެން ހުރި އިބޭ ބުނީ އޭނާ ލަވަކިޔުން ހުއްޓައިލީ ފޮތަކުން ލިބުނު ތެދު މައުލާމާތުތަކަށް ބުރަވެ ކަމަށެވެ. އެ ފޮތުން އޭނާއަށް ލިބުނު ސައްހަވ ދަދީލުގެ މައްޗަށް ސައްހަ އެހެން ދަލީލެއް ދައްކައިފިނަމަ އަދިވެސް ލަވަކިޔާނެ ކަމަށެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަޒީމް ހުށަހަޅައިދޭ އިލްމީ ހަޒާނާއަކީ ރާއްޖޭގެ ދީނީ އިލްމުވެރިން މެދުވެރިކޮށް ސަންއެފްއެމް އާއި ޖަމިއަތުލް ސަލަފު ގުޅިގެން ގެނެސްދޭ ޕްރޮގްރާމެވެ. ދީނީ ވެރައިޓީ ޝޯއެއްގެ ގޮތުގައި އިލްމީ ހަޒާނާ ގެނޭސްދޭން ފެށީ މާޗް 7، 2008 ގައެވެ. މި ޝޯވެފައި ވަނީ ރާއްުޖޭގެ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝޯއަކަށެވެ.