19:00


ގއ. ކޫއްޑޫ މަސް ކާރުހާނާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން އުޅޭ ކަމަށް ބުނެ މަސައްކަތް ހުއްޓާލައި މުޒާހަރާކޮށްފި އެވެ.


ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފަކު މިއަދު ބުނީ އެތަނުގައި މަސައްކަތްކުރާ ނުވަދިހައެއްހާ މުވައްޒަފުން މިއަދު ހެނދުނުއްސުރެ މެންދުރު 1:30 ވަންދެން މަސައްކަތް ހުއްޓާލާ މުޒާހިރާ ކުރީ ހަރަދުކުޑަކުރުމުގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން ހަމައެކަނި ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އެލަވަންސްގެ ދެ ބައިކުޅަ އެއްބައި ދީފައި އެއްބަޔަކު ރަށުގައި މަޑުކުރުމަށްފަހު މަސްވެރިކަން ރަނގަޅުވީމައި ކުންފުނިން އެންގުމުން މަސައްކަތަށް ނުކުންނަ ގޮތަށް މިއަދު އެންގުމާ ގުޅިގެން ކަމަށެވެ. އޭނާ އަދި ބުނީ ހަފްތާއަކުން ހަފްތާއަކުން މުވައްޒަފުން ބަދަލުވާ ގޮތަށް މުވައްޒަފުން ރަށަށް ފޮނުވާލައިގެން ދޭ މުސާރައިން ދެކޮޅު ނުޖެއްސޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.


މިކަމާ ގުޅިގެން މިފްކޯގެ މީޑިޔާ ކޮޑިނޭޓަރ އަބްދުﷲ މައުމޫން މިއަދު ވިދާޅުވީ މުވައްޒަފުން އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިކޮށްފައި ރަށަށް ފޮނުވާލުމަށް އެކުންފުނިން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި އެ މަސައްކަތަކީ އެ ކުންފުނި ރަނގަޅު ފޯމަކަށް އެޅުވުމުގެ ގޮތުން ކުރަމުން ގެންދާ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ކުންފުނީގެ ހަރަދު ކުޑަކުރުމަށް ކުއްޑޫގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ ބައެއް ދީފައި އެމީހުނަށް ވަގުތީ ޗުއްޓީއެއް ދިނުމަށްފަހު މަސްވެރިކަން ރަނގަޅުވުމުން އަލުން ވަޒީފާއަށް ނެރުމަށް ކުންފުނިން ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.