05 Aug 2015, 16:54
މެނީލާ، ފިލިޕީންސް. އޭޕީ) ބޯކޮށް ވާރޭ ވެހި، ފިލިޕީންސްގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ހަތް މީހުން މަރުވެއްޖެ އެވެ.
ފިލިޕީންސްގެ ދެކުނުގައިވާ ބުކިޑްނަން ޕްރޮވިންސްގެ ރީޖަނަލ އޮފީސް ފޯ ސިވިލް ޑިފެންސްގެ އޮފިޝަލުން ބުނީ ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުން މަރުވިމީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި އުމުރުން ހަ މަހުގެ އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުންޏެވެ. މަރުވި އަނެއް ތިން ކުދިންނަކީ އުމުރުން ހަ އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުގެ ކުދިންނެވެ.
ފިލިޕީންސްގެ ދެކުނު ސަރަހައްދަށް ބޯކޮށް ވާރޭވެހޭތާ ދެހަފުތާ ވެފައި ވާއިރު އެކަމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައިފާނެކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާއިން ދީފަ އެވެ. އެއިދާރާގެ އޮފިޝަލް އެސްޕެރަންޒާ ކަޔަނަން ބުނީ ފިލިޕީންސާ ދިމާލަށް ދަތުރުކުރަމުން އަންނަ ތޫފާން ސޫޑިލާގެ ސަބަބުން ވިއްސާރަ އިތުރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެތޫފާން ފިލިޕީންސަށް އަރާނެ ކަމަށް އަދި ލަފާކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.