05 Aug 2015, 21:40
ސިވިލް ސާވިސްގެ އިދާރާތައް ކޮމްޕްލަޔަންސް އޮޑިޓް ކުރުމަށް އެކުލަވައިލި މިނިވަން ކޮމްޕްލަޔަންސް އޮޑިޓް ކޮމިޓީގެ ފުރަތަމަ ދައުރު ނިމި 2 ވަނަ ދައުރަކަށް ކޮމްޕްލަޔަންސް އޮޑިޓް ކޮމިޓީ މިއަދު އެކުލަވައިލައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޓީގެ މަޤުޞަދަކީ ސިވިލް ސާވިސް އިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ޒަމާނީ ސިވިލް ސާވިސްއެއް ޤާއިމް ކުރުމާއި ސިވިލް ސާވިސްގެ އިދާރާތަކުން ސިވިލް ސާވިސްގެ ގަވާއިދާ އާންމު މިންގަނޑުތަކަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުމުގައި އެ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން ކަމަށެވެ.
އެ ކޮމިޓީ އެކުލެވިގެން ވަނީ ސިވިލް ސާވިސް އިން ބޭރުން އާންމު ފަރާތްތައް ތަމްސީލު ކުރާ 2 މެންބަރުންނާއި ސިވިލް ސާވިސް އިން ރިޓަޔާ ކޮށްފައިވާ ފަރާތަކާއި، ސިވިލް ސާވިސްގެ އިދާރާތައް ތަމްސީލުކުރާ 3 ފަރާތާއި ކޮމިޝަނުގެ ސެކްރެޓޭރިއެޓްގެ ފަރާތުން ކަނޑައަޅާ މެންބަރަކާއެކު ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ.
އެއީ މުސްތަޤިއްލު ގޮތެއްގައި އެކަންތައް ބަލައި، ކޮމިޝަނަށް ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީއެއް ކަމަށް ވެސް ސީއެސްސީން ބުނެ އެވެ. އެ ކޮމިޓީގެ ދައުރަކީ 3 އަހަރު ދުވަހުގެ މުއްދަތަވެ.