05 Aug 2015, 16:56
ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓަޑްގައި ހޭދަކުރި އާޖެންޓީނާގެ ވިންގާ އެންހަލް ޑި މަރިއާ ފްރާންސްގެ ޕީއެސްޖީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޑި މަރިއާ އިއްޔެ ވަނީ ޕީއެސްޖީގެ މެޑިކަލް ޓެސްޓްތައް ފުރިހަމަކޮށްފަ އެވެ.
ޕީއެސްޖީން ޑި މަރިއާ ގެނައުމަށް އެ ޓީމުން ވަނީ ޓްރަންސްފާގެ އަގުގެ ގޮތުގައި 63 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. މިއީ ޕީއެސްޖީއިން އެ ޓީމުގެ ތާރީހުގައި ދެ ވަނައަށް ކުރި އެންމެ އަގުބޮޑު ޓްރާންސްފާގެ މުއާމަލާތެވެ.
މީގެ ކުރިން އެޓީމުން ވަނީ 2013 ވަނަ އަހަރު ނަޕޯލީއަށް ކުޅެމުން ދިޔަ އުރުގުއޭގެ ފޯވަޑް އެޑިންސަން ކަވާނީ 64 މިލިއަން ޔޫރޯއަށް އެޓީމަށް ގެނެސްފައެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ބުނެފައި ވަނީ ކުރިން ރެއާލް މެޑްރިޑަށްވެސް ކުޅުނު ޑީމަރިއާ ޕީއެސްޖީއަށް ބަދަލުވީ އާންމުދަނީގެ ގޮތުގައި އަހަރަކު 10 މިލިއަން ޔޫރޯއަށް ކަމަށެވެ.
ޕީއެސްޖީގެ މެޑިކަލް ޓެސްޓްތައް ފުރިހަމަ ކުރުމަށްފަހު މީޑިއާ ވާހަކަ ދައްކަމުން ޑި މަރިއާ ބުނީ އޭނާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ކާމިޔާބެއް ހާސިލުކުރުމަށް ޕިއެސްޖީއަށް އެހީވުން ކަމަށެވެ.
"އަހަންނަށް އެނގޭ ކުލަބުން ބޭނުންވަނީ ޗެމްޕިއަންސް ލިގް ކްއާޓާ ފައިނަލް ހުރަސްކޮށް ޔޫސީއެލްގައި ރަނގަޅު ކާމިޔާބެއް ހޯދުންކަމަށް. އެކަން ހާސިލް ކުރުމަށް އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން" ޑި މަރިއާ ބުންޏެވެ.
ޑި މަރިއާ އިތުރަށް ބުނީ މިދިޔަ ސީޒަންގައި ފްރާންސްގެ ހުރިހާ މުބާރާތެއް ޕިއެސްޖިއިން ކަމިޔާބު ކުރުމަކީ އޭނާ ވަރަށް އުފާވި ކަމެއްކަމަށާއި އެއީ ކުލަބު ލެވެލްގައި ވަރަށް މުހިންމު ކާމިޔާބެއް ކަމަށެވެ.