05 Aug 2015, 16:24
ކުއާލަލަމްޕޫރު، މެލޭޝިއާ.އޭޕީ) އެތަނެއްގެ މިލްކުވެރިކަމަށް އެތައް ގައުމަކުން ދައުވާ ކުރަމުން އަންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން މަޝްރޫއުތަކެއް ހިންގާ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އިން ކުރަމުން އަން ޒުވާބު އަނެއްކާ ވެސް ވަރުގަދަވެއްޖެ އެވެ. އެގޮތުން އެކަމުގައި ދެގައުމުން ވެސް ވާހަކަ ދައްކާފައި ވަނީ ޑިޕްލޮމެޓިކް ބަހުރުވައިން ވާހަކަ ދެއްކޭނެ އެންމެ ހަރުކަށި ގޮތަށެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މިހާރު ކުރިއަށްދާ ސައުތު އީސްޓް އޭޝިއަން ރީޖަނަލް ސެކިއުރިޓީ ފޯރަމްގެ ހަވާސާގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާއި ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ބޭއްވެވި ބައްދަލުވުމެއްގައި ކެރީ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓައިލަން ޖެހޭ ކަމަށެވެ. ނަމަވެސް ޔީ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރި ކަމާއި މެދު ދައުވާ ނުކުރާ، އެމެރިކާ ފަދަ ގައުމުތަކުން އެ މައްސަލަޔާ ނުބެހި ދުރުގައި ތިބެން ޖެހޭ ކަމަށެވެ. އަދި އެމައްސަލަ ހައްލުކުރާނީ އެސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާ ކުރާ ގައުމުތަކުން ވާހަކަ ދައްކައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެކުނު ޗައިނާ ކަނޑުގެ އަތޮޅެއްގައި ޗައިނާއިން ހިންގަމުން އަންނަ ބިން ހިއްކުމާއި ތަންތަން ބިނާކުރުމާއި އަސްކަރީ މަސައްކަތްތަކުގެ މަޝްރޫއާއި މެދު އެމެރިކާގެ އޮތް ކަންބޮޑުވުން ޔީއާއި އެކު ބޭއްވެވި ބައްދަލުވުމުގައި ކެރީ ތަކުރާރު ކުރެއްވި ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގެ ތެރެއަށް އެމެރިކާ ނުވަނުމަށް ޗައިނާއިން އަންނަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ. އެގައުމުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެސަރަހައްދުގައި އެގައުމުން ހިންގަމުން އަންނަ މަޝްރޫއު ހިންގުމުގެ ހުރިހާ ހައްގެއް އެގައުމަށް އެބަ އޮތް ކަމަށެވެ.