05 Aug 2015, 16:07
ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ބޮޑު ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ދައުލަތުގެ މުސާރައިގެ އޮނިގަނޑަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ވަރަށް ބުރަ މަސައްކަތުން ކަނޑައަޅާފައިވާ އެއްޗެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ދައުލަތުގެ އެންމެ މަތީ މަގާމުގައި ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެފަދަ މަގާމެއްގައި ހުންނަ ފަރާތަކަށް ލިބޭ މުސާރައާ އެއްވަރުގެ މުސާރައެއް "ސުޕުރީމް ކޯޓުގެ ފަނޑިޔާރުންނަށް" ލިބެންޖެހޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
"އުއްތަމަ ފަނޑިޔާރާއި ރައީސުލްޖުމްހޫރިއްޔާއާ ދެބޭފުޅުންގެ މުސާރަ އެއްވަރު ވެދާނެ. އެކަން ގަބޫލުކުރަން. އެހެންނަމަވެސް ދައުލަތުގެ މުސާރައިގެ އޮނިގަނޑު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ދަށްވާނެ. އަދި އެއަށްވުރެއް އެއް ލެވެލެއްގައި ރައްޔިތުންގެ މަޖިލީހުގެ މުސާރަ އޮންނާނީ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑަކަށް ބަދަލެއް ގެންނަން ޖެހޭނީ "ތަރުތީބުން" ކަމަށެވެ.
ޖުޑީޝަރީގެ މުސާރަ 87 ޕަސެންޓް ބޮޑުކޮށް ދައުލަތުގެ މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އެކުލަވާލައިލި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މީގެ ފަސް އަހަރު ކުރިން ނެވެ.
ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރާ ކަމަށް ވާނަމަ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ބޮޑު ކުރަންޖެހޭނެ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވެފައިވާއިރު، ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައި އެވެ.
ހުރިހާ އެލަވަންސްތަކާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 120،000 ރުފިޔާ ހަމަޖައްސައިދިނުމަށް މަޖިލީހުގައި ޖޭއެސްސީން ވަނީ އެދިފައި އެވެ.
ހައިކޯޓުގެ ފަނޑިޔާރުންނަށް ހުރިހާ އެލަވަންސްތަކާ އެކު ޖުމްލަ 75،000 ރުފިޔާ ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ދެމުންއައި ލިވިން އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށާއި ރިސްކް އެލަވަންސް ވެސް 5،000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް ވަނީ އެދިފަ އެވެ.
މެޖިސްޓްރޭޓުންގެ ލިވިން އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދި ފޯނު އެލަވަންސް މެޖިސްޓްރޭޓުންނަށް ދޭންނިންމައި އެ އެލަވަންސަށް ކޮންމެ މަހަކު 1000 ރުފިޔާ ދިނުމަށް ވެސް ވަނީ އެދިފައެވެ.